29 Mar 2015, 14:28
ނ. އަތޮޅުގައި ތްރީ އޭ ގްރޫޕުން ހިންގާ "ޒިތާލީ ކުޑަފުނަފަރު ރިސޯޓް" ވިއްކާލަން ނިންމާފައިވާ ކަމަށް އެ ގްރޫޕްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ހަމްޒާ ވިދާޅުވެއްޖެ އެވެ.
މިއަދު 'ސަން'އާ ވާހަކަދައްކަވަމުން، ރިސޯޓް ވިއްކާ ނިންމާފައިވާ ކަމަށް ހަމްޒާ ވިދާޅުވި ނަމަވެސް، އެތަން ވިއްކާލާ ސަބަބެއް ވިދާޅެއް ނުވެއެވެ.
މި ރިސޯޓް ވިއްކާލުމުގެ މަސައްކަތް ވަނީ ޖޭއެލްއެލް ހޮޓެލްސް އެންޑް ހޮސްޕިޓަލިޓީ ގްރޫޕާއި ހަވާލުކޮށްފައެވެ.
ފަސްތަރީގެ މި ރިސޯޓްގައި 30 ވޯޓާ ވިލާ އާއި 20 ބީޗް ވިލާ ހުރެއެވެ. އަދި ސްޕާ އަކާއި ޕޫލަކާއި ޑަައިވިން ސެންޓަރަކާއި ފިޓްނެސް ސެންޓަރެއް ހުރެއެވެ.
ޖޭއެލްއެލް ހޮޓެލްސް އެންޑް ހޮސްޕިޓަލިޓީ ގްރޫޕްގެ ވެބްސައިޓްގައި އެ ގްރޫޕްގެ ނައިބް ރައީސް ނިހަޓް ވިދާޅުވެފައި ވަނީ މިއީ އިންވެސްޓަރުންނަށް ހުޅުވޭ ރަނުގެ ފުރުސަތެއް ކަމަށެވެ.
ޖޭއެލްއެލް ހޮޓެލްސް އެންޑް ހޮސްޕިޓަލިޓީ ގްރޫޕުން ވަނީ 2012 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ހަ ރިސޯޓް ވިއްކާލާފައެވެ.