20 Feb 2011, 17:19
އެމެރިކާގައި ކުޑަ ކުދިންތަކަކާ ބެހުނު ކަމުގެ ތުހުމަތުގައި މީގެ 25 އަހަރުން ކުރިން އިންޓަޕޯލުން ރެޑް ނޯޓިސް ނެރެފައި ހުރި ދަތުގެ ޑޮކްޓަރަކު، އޭޑީކޭގައި މަސައްކަތް ކުރަމުން ދަނިކޮށް އޭޑީކޭ އިން އެޑޮކްޓަރު ފުލުހުންނާ ހަވާލުކޮށްފި އެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް މިއަދު ވިދާޅުވީ އިންޑިޔާގެ ރައްޔިތެއް ކަމަށްވާ ޑޮކްޓަރު ކެނެތު ޑިކުންހާ ކިޔާ އެ ޑޮކްޓަރު ފުލުހުންނާ ހަވާލު ކުރީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އަދި ދަތުގެ ޑޮކްޓަރެއްގެ ގޮތުން އޭޑީކޭގައި މަސައްކަތް ކުރާ އެ ޑޮކްޓަރު ފުލުހުންނާ ހަވާލު ކުރީ، އޭނާ އަކީ މީގެ އެތައް އަހަރެއް ކުރިން އިންޓަޕޯލުގެ ސަމާލުކަމަށް އައިސްފައިވާ މީހެއްކަން އެނގުމުން ކަމަށެވެ.
"އަޅުގަނޑުމެންނަށް އެނގުނީ އޭނާ އަކީ މީގެ 25 އަހަރު ކުރިން އިންޓަޕޯލުން ނޯޓިސް ނެރެފައިވާ މީހެއްކަން. އެހެންވެ ފުލުހުންނާ ހަވާލުކުރީ". އައްފާލް ވިދާޅުވި އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭޑީކޭގައި މަސައްކަތް ކުރަމުން އަންނަ އުމުރުން 55 އަހަރުގެ އެ ޑޮކްޓަރުގެ ބައެއް ޝަކުވާތަކެއް އެތަނުގެ ބައެއް މުވައްޒަފުންގެ ފަރާތުން ވަނީ މެނެޖްމަންޓަށް ހުށަހަޅައިފަ އެވެ.
ދުނިޔޭގެ ގިނަ ގައުމުތަކެއްގައި މަސައްކަތް ކޮށްފައިވާ ޑޮކްޓަރު އޭޑީކޭ އަށް ގެނައީ އެކަޑެމިކް ކޮލިފިކޭޝަނާއި ސީވީ ފަދަ ތަކެތި ހޯދައި އަދި ރާއްޖޭގެ މެޑިކަލް ކައުންސިލުން ލައިސަންސް ވެސް ދިނުމުން ކަމަށް އޭޑީކޭ އިން ބުންޏެވެ.
ފުލުހުން، ޑިކުންހާ ހައްޔަރު ކުރި އިރު އޭނާ ހުރީ ޕްރޮބޭޝަން ޕީރިއަޑްގަ އެވެ.
ފުލުހުން ވެސް ވަނީ އޭނާ ހައްޔަރު ކުރިކަން ޔަގީން ކޮށްދީފަ އެވެ. އަދި އޭނާ ހައްޔަރު ކުރީ ބަލަމުންދާ މައްސަލަ އެއްގެ ތުހުމަތުގައި ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.