އިންޑިއާގެ ކުރި އަރަމުން އަންނަ ތަރި ކެޓްރީނާ ކައިފްގެ، އުށް ސްޓެޗޫއެއް ލަންޑަންގައި ހުންނަ މެޑަމް ޓިއުސޯޑްސް ދާރުލްއާސަރުގައި ބަހައްޓައިފި އެވެ.

ބޮލީވުޑްގައި މަސައްކަތް ކުރަމުން އަންނަތާ 15 އަހަރު ފަހުން ކެޓްރީނާގެ ރަމްޒީ ބުދެއް މިވަނީ ލަންޑަންގެ ދާރުލްއާސާރުތަކާއި ހަމައަށް ގޮސްފައެވެ.

އުށުން ހަދާފައިވާ މި ސްޓެޗޫ އިފްތިތާހުކޮށްދިނުމަށްފަހު ކެޓްރީނާ އެކަމަށް އާޝޯޚުވެ އަދި އޭނާއާ އެސްޓެޗޫ ވަރަށް ވައްތަރު ކަމަށް ވަނީ ބުނެފައެވެ.

ލަންޑަންގެ މެޑަމް ޓިއުސޯޑްސްއަކީ އެކި ދާއިރާތަކުގެ މަޝްހޫރު ތަރިންގެ ބުދުތައް ދައްކާލައިފައި ހުންނަ ދާރުލް އާސާރެކެވެ. ލަންޑަންގެ އިތުރުން އެހެން ބައެއް ސިޓީތަކުގައިވެސް މި ދާރުލްއާސާރުގެ ގޮފިތައް ހުރެއެވެ. އަދި ލަންޑަންގެ މިތަނަކީ ފަތުރުވެރިންގެ މެދުގައި ވަރަށް ބޮޑު މަގްބޫލުކަމެއް ލިިބިފައިވާ ތަނެކެވެ.

މަންމަ އިނގިރޭސިވިލާތް އަދި ބައްޕަ ކަޝްމީރަށް ނިސްބަތްވާ ކެޓްރީނާއަށް މި ފަޚުރު ލިބިފައި މިވަނީ މެޑަމް ޓިއުސޯޑްސްގެ ވެބްސައިޓްގައި ނެގި ޕޯލްއަކުން މަޝްހޫރު ދެ ތަރިން ކަމުގައިވާ ޕްރިޔަންކާ ޗޯޕްރާ އަދި ދިޕިކާ ޕަޑުކޯން އާއި ވާދަކޮށްގެންނެވެ. އަދި ހަމައެއާއި އެކު ކެޓްރީނާ ވެފައިމިވަނީ ބޮލީވުޑްގެ ތަރިންގެ ތެރެއިން މެޑަމް ޓިއުސޯޑްސްގައި ސްޓެޗޫ ބެހެއްޓުނު ހަތްވަނަ ތަރިއަށެވެ.

ބޮލީވުޑްގެ ތަރިންގެ ތެރެއިން ކެޓްރީނާގެ އިތުރުން މެޑަމް ޓިއުސޯޑްގައި އުށުގެ ބުދުބެހެއްޓިގައިވަނީ އަމީތާބް ބައްޗަން، އައިޝްވާރިއާ ރާއި، ޝާހްރުކް ޚާން، ސަލްމާން ޚާން، ރިތިކް ރޯޝަން، އަދި މަދޫރީ ޑިކްސިޓްގެ އެވެ.

ދާރުލް އާސާރުގެ ސްޕޯކްޕާސަންއާ ހަވާލާދީ ޚަބަރު ފަތުރާފައިވާ ގޮތުން މި މަސައްކަތް މިހާ ފުރިހަމައަށް ނިންމާލެވިފައި މިވަނީ ކެޓްރީނާގެ ފުރިހަމަ އެއްބާރުލުމާއި އެކުގައެވެ. އެގޮތުން އުށުގެ މި ސްޓެޗޫއިން ފެނިގެންދަނީ ކެޓްރީނާ ހުދު، ރިހި އަދި ރަންކުލައިން ޖަރީ ކުރެވިފައިވާ ހެދުމެއްގައެވެ.

މި ދާރުލްއާސާރަށް 150 އަހަރުވެފައިވާއިރު މިތަނުގައި ބަހައްޓާ ކޮންމެ ބުދެއް ތައްޔާރުކުރުމަސް ވެސް އާންމުކޮށް ހޭދަވެގެންދަނީ ހަތަރު މަސްދުވަހެވެ. އަދި އެގޮތުން ކެޓްރީނާގެ މި ސްޓެޗޫ ތައްޔާރުކޮށް ބެހެއްޓުމުގެ މަސައްކަތްކޮށްފައިވަނީ 20 ސްކަލްޕްޗަރުންނާއި އާޓިސްޓުންނެވެ.