ޔޫރަޕްގެ ގޯމަންޑް އެވޯޑްސްގެ ބެސްޓު އިން ދަ ވޯލްޑް ކެޓަގެރީން އެންމެ މޮޅު ހަ ފޮތުގެ ތެރޭގައި އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކު)ގެ ފޮތެއް ހިމެނިއްޖެ އެވެ.

އާކްއިން ބުނީ ގޯމަންޑް އެވޯޑްސްގެ ބެސްޓު އިން ދަ ވޯލްޑް ކެޓަގެރީން އެންމެ މޮޅު ހަ ފޮތުގެ ތެރޭ ހިމެނިފައިވަނީ އެ ޖަމިއްޔާއިން ކުރިއަށް ގެންދާ ކުޑަކުދިން ސިއްހަތައް ފައިދާހުރި ކާނާކެއުމަށާއި ހަރަކާތްތެރިވެ އުޅުމަށް ބާރު އަޅާ (ހީލް) ކެމްޕެއިންގެ ދަށުން މިދިޔަ އަހަރު ޝާއިއުކުރި "ދަ ސްނީކީ ސްނެއަރ އޮފް ދަ ސިރަޕީ ސްލާޕް ސްލޮޕްސް" ފޮތެކެވެ.

އާކްއިން ބުނީ އެފަދަ އެވޯޑަކަށް ޝޯޓުލިސްޓު ވުމަކީ ވަރަށް އުނދަގޫ އަދި ވަރަށް ވެސް ފަޚުރުވެރިވާންޖެހޭ ކަމެއް ކަމަށް ގޯމަންޑް އެވޯޑްގެ ރައީސް ވިދާޅުވެފައިވާ ކަމަށެވެ. އަދި އެހެން އަހަރުތަކާ ހިލާފަށް މިފަހަރުގެ އެވޯޑަށް 205 ގައުމަކުން ހުށަހަޅާފައިވާ ފޮތްތައް ގިނަކަމަށާއި ޝޯޓުލިސްޓުވެފައިވާ ހަ ފޮތަކީ ކޮންމެ ފޮތެއްވެސް އެ ފޮތެއްގެ ޒާތުގައި ވަރަށް މޮޅު ތަފާތު ވަރަށް ތަފާތު ފޮތެއް ކަމަށެވެ.

ޝޯޓުލިސްވެފައިވާ ހަ ފޮތުގެ ތެރޭ ހިމެނެނީ އާކުގެ ފޮތުގެ އިތުރުން އެމެރިކާ، އެކުވެރި އަރަބި އިމާރާތް، ސްޕެއިން، ކެނެޑާ، އަދި ސްވިޑަންގެ ފޮތެއް ކަމަށް އާކްއިން ބުނެ އެވެ. އާކްއާއެކު ބެސްޓް އިން ދަ ވޯލްޑް ކެޓަގަރީއަށް ވާދަކުރާ ފޮތްތަކުގެ ތެރޭ އެމެރިކާގެ "ނެޝެނަލް ޖިއޮގްރަފިކް ކިޑްސް ކުކުބުކް" ހިމެނެ އެވެ.

"ދަ ސްނީކީ ސްނެއަރ އޮފް ދަ ސިރަޕީ ސްލާޕް ސްލޮޕްސް" އަކީ އާކްގެ ރިތިންކް ޔޯ ޑްރިންކް މި މެސެޖްގެ ދަށުން ކުޑަކުދިންނަށް ފެނާއި އާދައިގެ ކިރު ބުއިމަށް ބާރުއެޅުމަށާއި އެނާޖީ ޑްރިންކްތަކާއި ކޯލާ އަދި އެހެނިހެން ފޮނިގަދަ ބުއިންތަކުން ހަށިގަނޑަށް ލިބޭ ގެއްލުންތަކާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ތައްޔާރުކޮށްފައިވާ ފޮތެކެވެ.

އާކްގެ ހީލް ކެމްޕެއިންގެ ފުރަތަމަ ފޮތް، "ދަ ކަލާފުލް ކޮމްޕޭނިއަންޝިޕް އޮފް ކޭސީ ކެބެޖް" ވަނީ ގޯމަންޑް އެވޯޑްސްގެ 2013 ވަނަ އަހަރުގެ ބެސްޓުޗިލްޑްރަންސް ބުކް އިން މޯލްޑިވްސްގެ ކެޓަގަރީ އާއި "ބެސްޓް ޗެރިޓީ ފަންޑްރައިޒިން" ބުކްގެ ކެޓަގެރީން އެވޯޑް ހާސިލުކޮށްފަ އެވެ.

ގޯމަންޑް ވޯލްޑް އެވޯޑަކީ ކެއިންބުއިމުގެ ބާވަތްތަކާ ގުޅޭ ގޮތުން ޝާއިއުކޮށްފައިވާ އަދި ދުނިޔެއަށް މަޝްހޫރު ޝެފުންނާއި ލިޔުންތެރިން ތަމްސީލް ކޮށްދޭ އެވޯޑެކެވެ. ބެސްޓު އިން ދަ ވޯލްޑް ކެޓަގެރީ ހޮވުން އޮންނާނީ ޖޫން މަހުގެ ނުވަ ވަނަ ދުވަހު އެވެ.