"ނޫސަންދަ" ގެ ނަމުގައި ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ފަރުވާދޭނެ ހާއްސަ ކްލިނިކެއް މިއަދު ހުޅުވައިފި އެވެ.

ފުލުހުންގެ އަހަރީ ދުވަހާ ގުޅުވައިގެން މި ކްލިނިކް ހުޅުވައިދެއްވީ ހޯމް މިނިސްޓަރު އުމަރު ނަސީރުއާއި ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު އެވެ.

"އިސްކަންދަރު ކޮށި 2" ގައި ހުންނަ މި ކްލިނިކްގައި އާންމު ބަލިތަކާއި ކުޑަކުދިންގެ ބަލިތަކާއި އަންހެނުންގެ ބަލިތަކުގެ އިތުރުން އެތެރެ ހަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން ވެސް ބަލި މީހުން ބަލާނެ ކަމަށް ފުލުހުން ބުންޏެވެ.

ކުލިނިކު ހުޅުވުމަށްފަހު އެތަނުގެ އެތެރެ ހޯމް މިނިސްޓަރު އުމަރު ނަސީރު ބައްލަވާލައްވަނީ: ސަން ފޮޓޯ/ އަލީ ނަސީރު

މި ކްލިނިކު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް ޑރ. މުހައްމަދު ޝުޖާއު ވިދާޅުވީ، އެކި އެކި މަސައްކަތްތަކުގައި ފުލުހުން ހަރަކާތްތެރިވަމުންދާއިރު އިމަޖަންސީ ހާލަތްތަކުގައި ފުލުހުންނަށް ލިބޭ އަނިޔާތަކަށް ފަރުވާ ދެވޭނެ ނިޒާމު މި ކްލިނިކުގައި ހުންނާނެ ކަމަށެވެ.

"ރެއާ ދުވާލު ބުރަކޮށް މަސައްކަތް ކުރާ ފުލުހުންނާ އެ ފުލުހުންގެ އާއިލާއަށް އިމެޖެންސީ ހާލަތްތަކުގައި ފުލުހުންނަށް ލިބޭ އަނިޔާތަކަށް ފަރުަވާ ދެވޭނެ ނިޒާމު މިތަނުން ލިބެން ހުންނާނެ." ޝުޖާއު ވިދާޅުވި އެވެ.

ފުލުހުންގެ 82 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަ ކުރަމުންދާއިރު ފުލުހުން ވަނީ މިއަދު ހެނދުނު ފުލުހުންގެ ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި ރަސްމިއްޔާތުގައި ފުލުހުންގެ އަޒުމް ކިއުމުގެ އިތުރުން ދުވަހާ ގުޅޭ ހާއްސަ ދުއާއެއް ވެސް ވަނީ ކިޔައިފައެވެ.