ބިދޭސީންނަށް އޮޅުވާލައިގެން ރާއްޖެއަށް ގެނައުން ހުއްޓުވުމަށް ގައުމުތަކާ ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް އަދި އިންފޯމޭޝަން އޮފިސަރު ހަސަން ހަލީލް މިއަދު "ސަން" އަށް ވިދާޅުވީ، އެޖެންޓުން މެދުވެރިކޮށް ބިދޭސީން ރާއްޖެއަށް ގެންނައިރު އެމީހުންނަށް އޮޅުވާލާ މައްސަލަ ހައްލުކުރުމަށްޓަކައި ގައުމުތަކުގެ މައިގްރޭޝަން ނިޒާމުގެ ތެރެއިން ރާއްޖެއަށް އާދެވޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ބޮޑު މުސާރައެއް ދޭނެ ކަމަށް ބުނެ ރާއްޖެއަށް ގެނެސް ބިދޭސީންނަށް އޮޅުވާލާ މައްސަލަތައް އޭރުން ހައްލުވެގެންދާނެ ކަމަށް ހަލީލް ވިދާޅުވި އެވެ.

"ގޯތިގެދޮރާއި ދަނޑުބިން ވިއްކާލާފަ މިއަންނަނީ. އެމީހުންނަށް ޕްރޮމިސް ކުރެވެނީ ވަރަށް ބޮޑު މުސާރައެއް ލިބޭނެ ކަމަށް. ހަގީގަތް މިއޮންނަނީ އެހެނެއް ނޫން. މިނިޒާމުގެ ތެރެއިން އައީމަ އެމީހުންނަށް ވަރަށް ރަނގަޅަށް ބްރީފިން ދެވިގެން އެނގިގެން އާދެވޭނީ،" ހަލީލް ވިދާޅުވި އެވެ.

މިދިޔަ އަހަރު ތެރޭގައި 105 ބިދޭސީންގެ ހަށިގަނޑުން، ރާއްޖޭއިން ފަރުވާ ނުކުރެވޭ ބަލިތައް ފެނިފައިވާއިރު ރާއްޖެ އަންނަ ބިދޭސީން އެގައުމެއްގެ އިތުބާރު ހުރި ފަރާތްތަކެއް މެދުވެރިކޮށް ހެލްޓް ސްކްރީން ހަދައިގެން ރާއްޖެއަށް އަންނަ ގޮތަށް ހަމަޖެއްސުމަށްވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ހަލީލް ވިދާޅުވި އެވެ.

އެކަން ހަމަޖައްސާނީ އެ ބިދޭސީ މީހާ ރިޕޯޓްތައް ހިފައިގެން އައުމުގެ ބަދަލުގައި އެގައުމެއްގެ އިދާރާއަކާއި އިމިގްރޭޝަނާއި ސީދާ ގުޅިގެން ކަމަށްވެސް ހަލީލް ވިދާޅުވި އެވެ.

ހަލީލް ވިދާޅުވީ އެގޮތްތަކަށް އަމަލުކުރަން ފެށޭނެ ދުވަހެއް ބުނަން އަދި ނޭނގޭ ކަމަށާއި މިހާރު އެފަދަ ކަންކަމަށް އަމަލުކުރެވޭނެ ފުރުސަތުތައް ބަލަމުންދާ ކަމަށެވެ.