މެދުތެރޭ އޭޝިއާގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ފެއާ ކަަމަށްވާ ކަޒަކިސްތާން އިންޓަނޭޝަނަލް ޓޫރިޒަމް ފެއާގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން ފުރަތަމަ ފަހަރަށް ބައިވެރިވާން ނިންމާފައިވާ ކަމަށް އެ އެސޯސިއޭޝަންގެ ސެކެއްޓަރީ ޖެނެރަލް އިބްރާހިމް މުނާޒް ވިދާޅުވެއްޖެ އެވެ.

'ސަން' އަށް ދެއްވި އިންޓަވިއުއެއްގައި މުނާޒް ވިދާޅުވީ، މި ފެއާގައި ބައިވެރިވާން ނިންމީ އެ ސަރަހައްދުގައި ބާއްވާ 'ލީޑިން' ފެއާ ކަމަށްވާތީ ކަމަށެވެ.

" އަޅުގަނޑުމެން މި ފެއާގައި މި ބައިވެރިވަނީ ޓްރެވެލް އެޖެންޓުންނަށް ފުރުސަތުތަކެއް ތަނަވަސްކޮށްދޭން. އަމިއްލަ ގޮތުން ސްޓޭންޑެއް ނަގާފިއްޔާ ބޮޑު ޚަރަދެއް ދާނެ. އެކަމަކު އަޅުގަނޑުމެން ބޮޑު ތަނެއް ނަގާފައި ދެން އެތަން ކުޑަ އަގެއްގައި ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންޓުންނަށް މިދެނީ،" މުނާޒް ވިދާޅުވި އެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން މަޓާޓޯ އާ ގުޅިގެން މި ފެއާގައި ބައިވެރިވުމަށް ވަރަށް ބޮޑަށް އެދޭ ކަމަށް މުނާޒް ވިދާޅުވި އެވެ.

މި ފެއާ އޮންނާނީ އޭޕްރިލް 22 ން 24 އަށް ކަޒަކިސްތާނުގެ ވިޔަފާރީގެ މައިރަށް އަލްމަޓީ ގައެވެ. ކަޒަކިސްތާނުގެ ފަތުރުވެރިން އެހެން ގައުމުތަކަށް ޒިޔާރަތް ކުރާ މިންވަރު 2011 އިން 2016 އަށް 17 ޕަސެންޓް އިތުރުވާނެ ކަަމަށް އެގައުމުގެ ފަތުރުވެރިކަމާ ގުޅޭ އިދާރާތަކުން ލަފާކުރެއެވެ.