29 Mar 2015, 10:07
އަބޫޖާ (މާޗް 29): ނައިޖީރިޔާގައި އިއްޔެއިން ފެށިގެން ކުރިޔަށްދާ ރިޔާސީ އިންތިޚާބުގެ ވޯޓުފޮށިތަކަށް އަމާޒުކޮށް ދެމުންގެންދާ ޙަމަލާތަކުގައި މިހާތަނަށް 15 މީހުން މަރާލައި އެތަށް ބަޔަކު ޒަޚަމްކޮށްލައިފި އެވެ.
ނައިޖީރިޔާގެ ފުލުހުން ބުނާގޮތުން މަރާލި ފަނަރަ މީހުންގެ ތެރޭގައި އިދިކޮޅު ސިޔާސީ ބޭފުޅަކުވެސް ހިމެނެ އެވެ.
ނައިޖީރިޔާގެ ފުލުހުން ބުނާގޮތުން ވޯޓުފޮށިތަކަށް އަމާޒުކޮށްގެން ދޭ ޙަމަލާތަކުގެ ފަހަތުގައިވަނީ އެގައުމުގައި ހަރަކާތްތެރިވާ ހައްދު ފަހަނަޅާފައިވާ ބޯކޯ ހަރާމް ޖަމާއަތެވެ.
ނައިޖީރިޔާގައި އިއްޔެ ފެށި ރިޔާސީ އިންތިޚާބުގައި އެންމެ ގާތުން ވާދަ ކުރައްވަނީ މިހާރުގެ ރައީސް ގުޑްލަކް ޖޮނަތަން އާއި ކުރީގެ ރައީސެއް ކަމަށްވާ ޖެނެރަލް މުހައްމަދު ބުޚާރީ އެވެ. މި ދެބޭފުޅުން ދާދި އެއް ހަމައެއްގައި ވާދަ ކުރައްވަމުން ގެންދެވިނަމަވެސް އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރްސަތު ކުޑަތަންކޮޅެއް ބޮޑީ ޖެނެރަލް މުޙައްމަދު ބުޚާރީއަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.
ނައިޖީރިޔާގެ އިންތިޚާބުތަކާބެހޭ އިދާރާއިންވަނީ ވޯޓުލުމުގައި ކުރިމަތިވި ފަންނީ ބައެއް މައްސަލަތަކާގުޅިގެން އިތުރު ދުވަހަކަށް ވޯޓުލުމުގެ ކަންތައް ކުރިޔަށް ގެންދިޔުމަށް ނިންމާފައެވެ. މިގޮތުން މިއަދު އިރުއޮއްސި ހައެއް ޖެހުމާ ހަމައަށް ވޯޓުލުމުގެ ފުރްސަތު ހުޅުވިފައި އޮންނާނެ ކަމަށް އެގައުމުގެ އިންތިޚާބުތަކާބެހޭ އިދާރާއިން ބުނެއެވެ. (ރޮއިޓާސް)