20 Feb 2011, 17:11
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ޖަލްސާތައް އަންނަ މަހުގެ ތިންވަނަ ދުވަހު ފަށަން ހަމަޖައްސާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނެފި އެވެ.
މަޖިލީހުގެ އަމީން އާއްމު އަހްމަދު މުހައްމަދު ވިދާޅުވީ، ގާނޫނުއަސާސީގެ 83 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 16 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ، އަންނަ މަހުގެ ތިންވަނަ ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
އެ ޖަލްސާގައި ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ މަސައްކަތްތައް ނިންމާލާފައިވަނީ، ރެކޯޑް އަދަދަކަށް ގާނޫނުތަކެއް ނިންމުމަށްފަހު އެވެ. މިދިއަ އަހަރު ރައްޔިތުންގެ މަޖިލީހަށް ޖުމްލަ 52 ބިލު ހުށަހެޅުނުއިރު 42 ބިލުގެ މަސައްކަތް މުޅިން ނިންމި ކަމަށެވެ. އަދި މަޖިލީހަށް ހުށަހެޅި 50 މައްސަލައިގެ ތެރެއިން 42 މައްސަލަ ނިންމި އެވެ.