ހަތިޔާރު ގެންގުޅުނު ކަމުގެ ކުށް ސާބިތުވި ކަމަށް ކަނޑައަޅައި، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމަށް އިއްވި ހުކުމާއި މެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް އެމެރިކާއިން ބުނެފި އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާމެންޓްގެ ތަރުޖަމާނު ޖެން ސާކީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވެވި ނޫސް ކޮންފަރެންސްގައި ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެން ސްޓޭޓް ޑިޕާޓްމެންޓްގެ ވެބްސައިޓްގައި އާއްމުކޮށްފައިވާ ޖަވާބުގައި ބުނެފައި ވަނީ، ރާއްޖޭގައި ފަހަކަށް އައިސް ހިނގަމުން އަންނަ ކަންތައްތަކާއި މެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.

"ދިވެހިރާއްޖޭގައި ފަހަކަށް އައިސް ހިނގަމުންދާ ކަންތައްތަކާއި މެދު އަހަރެމެން މިތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ. އެކަންތައްތަކަކީ ރާއްޖޭން ޑިމޮކްރަސީއަށް ދޭ އަހަންމިއްޔަތާއި މެދު ސުވާލު އުފެދޭ ކަންތައްތަކެކެވެ. ހަތިޔާރު ގެންގުޅުމުގެ ކުށުގައި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމު 11 އަހަރަށް ޖަލަށް ލުމަށް މާޗްމަހުގެ 26 ވަނަ ދުވަހު ކުރި ހުކުމާއި ފުލުހުންނަށް ހުރަސް އެޅި ކަމަށް ތުހުމަތުކޮށް މާޗްމަހުގެ 25 ވަނަ ދުވަހު ނޫސްވެރިންތަކެއް ހައްޔަރު ކުރުން އޭގޭ ތެރޭގައި ހިމެނެއެވެ،" 'ދިވެހިރާއްޖޭގެ ކުރީގެ ޑިފެންސް މިނިސްޓަރު ހައްޔަރު ކުރި ކުރުމާއި މެދު އެމެރިކާއިން އެއްވެސް ވާހަކައެއް ވާހަކައެއް ބުނާނަން ތޯ' ކުރި ސުވާލަށް ދިން ޖަވާބުގައި ވެއެވެ.

ނާޒިމުގެ ޝަރީއަތުގައި އެމެރިކާއިން ކަންބޮޑުވާ ގޮތަށް ހިނގި ބައެއް ކަންތައްތައް ސްޓޭޓް ޑިޕާޓްމެންޓުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ކަންބޮޑުވަނީ ދިފާއީ ހުރިހާ ހެކިންނަށް ފުރުސަތު ދީފައި ނުވުމާއި ފަނޑިޔާރުންގެ މިނިވަންކަން ނެތުން ކަމަށް ބުނެފައި ވެއެވެ.

ނޫސްވެރިން ހައްޔަރު ކުރި މައްސަލައިގައި ބުނެފައި ވަނީ ނޫސްވެރިކަމުގެ މިނިވަންކަމަކީ ޑިމޮކްރަސީގެ އަސާސީ ހައްގެއް ކަމަށެވެ. އަދި އެއްވެސް ދައުވާއެއް އުފުލުމަކާއި ނުލައި ނޫސްވެރިން ހައްޔަރުކުރީ ކީއްވެކަން އޮޅުން ފިލުވުމަށް ރާއްޖޭގެ އިދާރާތަކާ ވާހަކަ ދައްކަމުން އަންނަ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން މިފަދަ ޖަވާބެއް އާއްމުކޮށްފައި ވާއިރު އެ ޑިޕާޓްމެންޓްގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިއާ ނިޝާ ބިސްވާލް ބުދަ ދުވަހު އެގައުމުގެ ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ ރާއްޖޭގެ މުއައްސަސާތައް އޮތީ ބަލިކަށިކޮށް ކަމަށެވެ.

"...ވަޒީފާނެތް ޒުވާނުންގެ އަދަދު މަތިވުމާއި ދީނީ ގޮތުން ހައްދުފަހަނަ އަޅައި ދިއުމާއި އިޖުތިމާއީ އުތުރި އެރުންތަކުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރެޓިކް މުއައްސަސާތައް އޮތީ ބަލިކަށިކޮށް، އަދި އެ މުއައްސަސާތައް ފަސޭހައިން ގަޑުބަޑުކުރެވޭ،" ނިޝާ ވިދާޅުވެފައިވެ އެވެ.