ޖެނީވާ (މާޗް 29): ނިއުކްލިއަ މައްސަލައިގައި އީރާނާއި ހުޅަނގުގެ ބާރުތަކާ ދެމެދު ދެކެވެމުންދާ ވާހަކަތައް ކޮޅެއްގައި ޖެހުމުގެ ފުރުސަތު ބޮޑުވެއްޖެ ކަމަށާއި އަދި އެއްބަސްވުމަކަށް އައުންވެސް ވަރަށް ގާތުގައިވާކަމަށް ވިދާޅުވެ މިވާހަކަތަކުގައި ފަންނީ ގޮތުން ބައިވެރިވާ އީރާނުގެ މަސްއޫލުވެރިއަކު ވާހަކަ ދައްކަވައިފި އެވެ.

ނަންހާމަކުރަންނޭދޭ އީރާނުގެ މަސްއޫލުވެރިއަކު ވިދާޅުވީ، އީރާނުގެ ނިއުކްލިއަ މައްސަލަ ޙައްލުކުރުމަށް އީރާނާއި ހުޅަނގުގެ ބާރުތަކުން މިހާތަނަށް އެއްބަސްވެފައިވާ ކަންތައްތައް ދެތިން ސަފްޙާ އަށް ޚުލާސާ ކުރެވިފައިވާ ކަމަށާއި އަދި މިކަންތައްތައް ގާނޫނީ ބާރުލިބޭ އެއްބަސްވުމަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމުގައެވެ.

މިގޮތުން އަންނަ ހަފްތާގައި ހުޅަނގުގެ ބާރުތައް ރުހޭފަދަ އެއްބަސްވުމެއް އެމެރިކާއާއި އީރާނާ ދެމެދު ސޮއި ކުރެވޭ ވަރުވާނެ ކަމަށް ބެލެވޭ ކަމަށް ނަންހާމަކުރަންނޭދޭ އީރާނުގެ މަސްއޫލުވެރިޔާ ވިދާޅުވި އެވެ. ނަމަވެސް އީރާނުގެ ނިއުކްލިއަ މައްސަލަ ޙައްލު ކުރުމުގެ އެއްބަސްވުމުގައި އެމެރިކާއާއި އީރާނުގެ މަސްއޫލުވެރިން ސޮއިކުރެއްވުމުގެ ކުރިން ނިންމަންޖެހޭ ނިންމުންތަކެއް އަދިވެސް އެބަހުރި ކަމަަށް އީރާނުގެ މަސްއޫލުވެރިޔާ ވިދާޅުވި އެވެ.

ނިއުކްލިއަ މައްސަލައިގައި އީރާނާއި އެމެރިކާއާ ދެމެދު އެއްބަސްވުމަކަށް އާދެވޭތޯ އެދެގައުމުގެ ޚާރިޖީ ވަޒީރުން ސްވިސްޓްޒަލޭންޑްގައި ގެންދަވަނީ ވަރަށް އުނދަގޫ ވާހަކަތަކެއް ކުރިޔަށް ގެންދަވަމުންނެވެ. އެއްބަސްވުމަކަށް އައުމަށް ދެފަރާތުން ކަނޑައަޅާފައިވާ ތާރީޚަކީ މި މާޗް މަހުގެ 31 އެވެ. މިމުއްދަތުގައި އެއްބަސްވުމެއްގައި ސޮއިކުރެވޭވަރުވޭތޯ ބެލުމަށް އީރާނާއި ހުޅަނގުގެ ބާރުތަކުންވެސް ދޫތައް ދެމުންގެންދާކަމަށް ރިޕޯޓްތައް ބުނެއެވެ.

ނަމަވެސް މިމަހުގެ 31 ވަނަ ދުވަހުގެ ކުރިން އީރާނާއި އެމެރިކާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިނުކުރެވުމަކީވެސް ނެތް ފުރުސަތެއް ނޫންކަމަށް ވިދާޅުވެ އީރާނުގެ އެހެން މަސްއޫލުވެރިއަކުވަނީ ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި އެއްބަސްވުމަކަށް އާދެވުމުގެ ފުރުސަތުވަނީ 50 އިންސައްތައިގައެވެ. މިމުއްދަތުގައި އެއްބަސްވުމަކަށް ނާދެވިއްޖެނަމަ ފަހުގެ ތާރީޚަކަށް އެކަން ލަސްވެގެންދާނެ ކަމަށާ ނަަމަވެސް އީރާނާއި ހުޅަނގުގެ ބާރުތަކުގެ މަސްލަޙަތުވެސް މިހާރު އޮތީ ނިއުކްލިއަ މައްސަލައިގައި އެއްބަސްވުމަކަށް އައުމުގެ މައްޗަށް ކަމަށްވާތީ އަލުން މުއްދަތެއް ކަނޑައަޅައިގެން ނަމަވެސް ދެފަރާތުން އެއްބަސްވުމަކަށް އަންނާނެ ކަމަށް މުޙައްލިލުން ވިދާޅުވެއެވެ. (ރޮއިޓާސް)