20 Feb 2011, 17:05
ޑީއާރުޕީގެ ޒައީމް މައުމޫން އަބްދުލްގައްޔޫމް އާއި އެ ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީއާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތައް ހައްލުކުރުމަށް އެ ޕާޓީގެ ބައެއް ކައުންސިލް މެންބަރުންނާއި އަދި ބައެއް ޕާލިމެންޓްރީ ގުރޫޕުގެ މެންބަރުން ގުޅިގެން މަސައްކަތްތަކެއްގައި ފަށައިފި އެވެ.
އެ މަޝްވަރާތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އެ ބައްދަލުވުންތަކުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޑީއާރުޕީގެ ކައުންސިލް މެންބަރު އަހުމަދު މުހަންމަދު [އަންޑޭ] މިއަދު ވިދާޅުވީ ކައުންސިލްގެ 12 މެންބަރަކާއި އަދި ޕާލިމެންޓްރީ ގުރޫޕުގެ ބައެއް މެންބަރުން އިސްނަގައިގެން މީގެ ހަފުތާއެއްހާ ދުވަސް ކުރިން ފަށާފައިވާ މަސައްކަތުގައި ޕާޓީގެ ޒައީމް މައުމޫނާއި ލީޑަރު ތަސްމީނާ ވަކިވަކިން ބައްދަލުކުރައްވާފައިވާ ކަމަށެވެ.
"ކައުންސިލް މެންބަރުންނަށް އަޅުގަނޑުމެން ވާއިރު އެއީ އަހަރުމެންގެ މަސްއޫލިއްޔަތެއް ހަމަނުޖެހުމެއް އުޅެންޏާ އެކަން ހައްލުކުރަން މަސައްކަތްކުރުން. އެގޮތުން އަޅުގަނޑުމެންގެ ވާޖިބެއް އަދާ މިކުރަނީ. ނަސީބު ދިމާކުރި ގޮތުން އަޅުގަނޑަށް ބައިވެރިވެވުނު ޒައީމްގެ ބައްދަލުވުމުގައި ވެސް އަދި ތަސްމީނުގެ ބައްދަލުވުމުގައި ވެސް. ފެންނަ ގޮތުން މިހިރަ މައްސަލަތައް ހައްލުކުރުމުގައި މާބޮޑު މައްސަލަތަކެއް ނެތް،" އަންޑޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ބޭފުޅުން މަސައްކަތްޕުޅު ކުރައްވަނީ ތަސްމީނު ނޫނީ މައުމޫންގެ ފަރާތްޕުޅުން ނޫން ކަމަށާއި އެ ބޭފުޅުން ތަމްސީލް ކުރައްވަނީ މުޅި ޑީއާރުޕީ ކަމަށެވެ.
އެހެންނަމަވެސް އެ ބައްދަލުވުންތަކާ ގޫޅޭ އިތުރު ތަފުސީލްތަކެއް އައްޑޭ ނުދެއްވި އެވެ.
"މިކަހަލަ ވާހަކަތަކެއް ކުރިއަށްދާ ދަނޑިވަޅެއްގައި އަޅުގަނޑަކަށް ނުފެނޭ އިތުރު ތަފްސީލެއް ދިނުމަކީ ރަނގަޅު ކަމަކަށް ވާދެނެހެނެއް. އޭގެން މައްސަލަ އެހެން ގޮތަކަށް އެނބުރިދާނެ،" އައްޑޭ ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި ޑީއާރުޕީގެ ޒައީމްގެ ތަރުޖަމާން މުހަންމަދު ހުސެން ޝަރީފް [މޮންދު] މިއަދު ވިދާޅުވީ މީގެ ތިން ރޭ ކުރިން ޒައީމް މައުމޫން އާއި ޑީއާރުޕީގެ ކައުންސިލް މެންބަރުތަކެއް ބައްދަލުކުރައްވައި ޑީއާރުޕީގެ ތެރޭގައި އުފެދިފައި ހުރި ނުތަނަވަސްކަން ހައްލުކުރުމަށް ވާހަކަތަކެއް ބޭއްވި ކަން އެނގިވަޑައިގެންފައިވާ ކަމަށެވެ.
"ކައުންސިލް މެންބަރުންތަކަކާ އެކު ރައީސް މައުމޫން އަލިވާގޭގައި ވާހަކަތަކެއް ދެއްކެވި. އެއީ ތަސްމީންގެ ފަރާތްޕުޅުން އައި ބައެއް ނޫން. އެއީ މިހާރު ޕާޓީގެ ތެރޭގައި ހުރި މައްސަލަތައް ހައްލުކުރުމަށް އިސްނަގަވައިގެން އުޅުއްވާ ބޭފުޅުން ކޮޅެއް،" މުންދު ވިދާޅުވި އެވެ.
ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރެއްގެ ގޮތުގައި ހުންނެވި އުމަރު ނަސީރު އެ ޕާޓީން ވަކިކުރި ހިސާބުން ޕާޓީ ދެބަޔަކަށް ބެހި ޒައީމް މައުމޫނާއި ޕާޓީގެ ލީޑަރު ތަސްމީން އާއި ދެމެދު ވަނީ ނުތަނަވަސް ކަމެއް އުފެދިފަ އެވެ. އެގޮތުން އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް ތަސްމީން އާއި މައުމޫން ކެމްޕޭން ކުރެއްވީ ވަކިވަކިންނެވެ.
ޑީއާރުޕީގެ ނައިބު ލީޑަރު އިބްރާހީމް ޝަރީފު، 'މައުމޫން އަށްޑުއަށް އަރައިފިއްޔާ ތަޅައި ބާލާނެ' ކަމަށް ބުނެ ވިދާޅުވެ ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއް ލީކްވުމާ ގުޅިގެން މައުމޫން ވިދާޅުވެފައި ވަނީ އިބްރާހީމް ޝަރީފުގެ އެ އަމަލު ޕާޓީން ކުށްވެރި ނުކުރާހާ ހިނދަކު ތަސްމީނާ އެއްބައްދަލުވުމެއްގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށެވެ.