" އާތު އަވާ" އަކީ އެންމެން ގުޅުމުން ކުރެވެން ހުރި ކަންތައްތައް ދައްކުވައިދޭ ކަމެއް ކަމަށް ޔުނައިޓެޑް ނޭޝަންސް (ޔޫއެން) ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ވިދާޅުވެއްޖެއެވެ.


ދުނިޔޭގެ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ހަކަތަ ބޭނުން ކުރާ މިންވަރު މަދު ކުރުމަށް ހޭލުންތެރި ކުރުވުމަށް ފާހަކަ ކުރާ އާތު އަވާ މިރޭ ފާހަގަ ކުރާތީ އެކަމާ ގުޅގެން އާއްމު ކުރެއްވި ވީޑިއޯ ހިތާބެއްގައި ބާން ވިދާޅުވެފައި ވަނީ ފަރުދީ ގޮތުން ކުރާ ކޮންމެ ކަމަކީ މާ ކުޑަ ކަމެއް ނޫން ކަމަށެވެ.


"...އާތު އަވާ އިން ދައްކުވައި ދެނީ ކަމަކަށް ޓަކައި އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރުމުން ކުރެވެން އޮތް ކަންތައްތައް. ފަރުދީ ގޮތުން ކުރާ ކޮންމެ ކަމަކީ މާ ކުޑަ ކަމެއް ނޫން. ގުޅިގެން ކުރާ ކޮންމެ ކަމަކީ މާ ބޮޑުކަމެއް ނޫން،" ބާން ވިދާޅުވެފައި ވެއެވެ.


މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަކީ އިންސާނުންގެ ސަބަބުން ކުރިމަތިވެފައިވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ. އެމަސައްލައިގެ ސަބަބުން މީހުންނަށް ގެއްލުން ލިބެމުންދާ ކަމަށާއި ހައްލު ކުރެވޭނީ ވެސް މީހުންނަށް ކަމަށް ބާން ވިދާޅުވެފައި ވެއެވެ.


އާތު އަވާ ފާހަގަކުރުމަށް މިއަހަރު ހިންގާ ހަރަކާތްތައް އިންތިޒާމު ކުރާ ދުނިޔޭގެ ބޮޑެތި ޖަމާއަތްތަކުން ބުނެފައި ވަނީ މިއަހަރުގެ ހަރަކާތްތައް ވެގެން ދާނީ މިހާތަނަށް ބާއްވާ އެންމެ ބޮޑެތި ހަރަކާތްތަކަށް ކަމަށެވެ.


އާތު އަވާ ގްލޯބަލް އިން ބުނެފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކަކީ ހަމަ އެކަނި އެއް ގަޑި އިރުގެ މައްސަލައެއް ނޫން ކަމަށާއި އެއީ މި ޖީލުގެ މައްސަލައެއް ކަމަށެވެ.