28 Mar 2015, 18:10
ކޮންމެ އަހަރެއްގެ ރޯދަމަހު މާލެއަށާއި އެކި ރިސޯޓުތަކަށް ގިނަ އަދަދެއްގެ ކަރާ ބޭރުކުރާ ތޮއްޑޫގެ ދަނޑުވެރިން މިއަހަރުގެ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ކަރާ ދަނޑުތައް ހެއްދުމަށް އެރަށުން ބިން ދޫކޮށްފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ތޮއްޑޫ ކައުންސިލްގެ ރައީސް ހަސަން އިބްރާހިމް ވިދާޅުވީ މިއަހަރު ރޯދަ މަހަށް ކަރާހެއްދުމަށް އެ ރަށުން ޖުމްލަ 2،000،900 އަކަފޫޓުގެ ބިން ދޫކޮށްފައި ވާކަމަށާއި މިއަހަރު ބިން ދޫކޮށްފައި ވާނީ ހަމައެކަނި ތޮއްޑޫގެ ރައްވެހިންނަށް ކަމަށެވެ. އެގޮތުން ތޮއްޑޫގެ 1819 މީހުންނަށް ކަރާހެއްދުމަށް ބިން ދޫކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ އެއީ 127 ދަނޑު ކަމަށާއި އަންނަ މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން އެމަހުގެ ނިޔަލަށް ކަރާ ދަނޑުތައް އިންދުމަށް ދަނޑުވެރިންނަށް ހުޅުވާލާފައި ވާކަމަށެވެ. އަދި ގިނަ ދަނޑުވެރިންތަކެއް ކަރާ އިންދުމުގެ މަސައްކަތް ވީހާވެސް އަވަހަށް ފަށަން ބޭނުންވެފައިވާ ކަމަށް ހަސަން އިބްރާހީމް ވިދާޅުވި އެވެ.
ތޮއްޑޫ އިން ސަން އަށް މައުލޫމާތު ދިން ދަނޑުވެރިއެއް ބުނީ ރޯދަމަހަށް ޚާއްސަކޮށް ހައްދާ ދަނޑުތަކުން "ރޯދަކަރާ" ރޯދަމަސް ފެށުމުގެ އެއް ހަފްތާކުރިން މާލެއަށް ގެނެވޭވަރު ވާނެކަމަށް ލަފާކުރެވޭ ކަމަށާއި އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް ރޯދަމަހު ތޮއްޑޫ ގެ ދަނޑުވެރިން މާލެއަށް ކަރާ ގެނައުމަށްޓަކައި އަވަދިނެތި މަސައްކަތް ކުރާނެ ކަމަށެވެ.
ޒަމާންތަކެއް ވަންދެން ކޮންމެ އަހަރެއްގެ ވެސް ރޯދަމަހާ ދިމާކޮށް ތޮއްޑޫ އިން ގިނަ އަދަދެއްގެ ކަރާ ބޭރުކުރާއިރު މިދިޔަ އަހަރު ރޯދަމަހު އެރަށުން ވަނީ ގާތްގަނޑަކަށް 18،000 ޓަނުގެ ކަރާ ބޭރުކޮށްފަ އެވެ. އަދި މި އަހަރުވެސް އެ އަދަދަށް ކަރާ ބޭރުކުރެވޭތޯ މަސައްކަތް ކުރާނެކަމަށް ކަރާގެ ވެރިރަށް، ތޮއްޑޫގެ ދަނޑުވެރިން ބުންޏެެވެ.