އައްޑު ސިޓީގެ ލިންކް ރޯޑާ އެކު އެ ސިޓީގެ ހުރިހާ މަގެއްގެ ސަލާމަތީ ކަންތައް ވަރުގަދަކޮށް، ޓްރެފިކް ސައިންބޯޑުތައް ޖަހަން ނިންމައިފި އެވެ.

އައްޑޫ ސިޓީގެ މަގުތަކުގެ ސަލާމަތާ ބެހޭ ގޮތުން މިއަދު ޓްރާންސްޕޯޓް އޮތޯރިޓީގެ އިސް އޮފިޝަލުންނާ އެކު އައްޑޫ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމަށްފަހު، އައްޑޫ ސިޓީގެ މޭޔަރު އަހުމަދުﷲ ސޯދިގު (ސޯބެ) މިއަދު 'ސަން' އަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ ލިންކް ރޯޑުގެ ނުރައްކާތެރި ކަމަށް ޓްރާންސްފޯޓްގެ އޮފިޝަލުންނަށް ފެނިވަޑައިގެންނެވި 13 ސަރަހައްދެއްހައި ވީހާ ވެސް އަވަހަކަށް ޓްރެފިކް ނިޝާން ހަރުކުރުމުގެ މުހިންމު ކަމުގެ މައްޗަށް މަޝްވަރާކުރެއްވި ކަމަށެވެ.

"މިއަހަރުގެ ބަޖެޓްގައި ވެސް ހުރީ ހިމަނައިފައި، ލިންކް ރޯޑްގެ ސަލާމަތީކަންކަން ކުރުމަށް ބޭނުންވާ ފައިސާ، އެހެންވެ ވީހާ ވެސް އަވަހަކަށް ސިޓީ ކައުންސިލުން އެ މަަސައްކަތް ފަށާނެ، ޓްރާންސްޕޯޓް އޮތޯރިޓީން ފާހަގަ ކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި އެބަހުރި މިހާރުން މިހާރަށް ވެސް ކުރެވިދާނެ ބައެއް ކަންކަން، އޭގެ ތެރޭގައި ބައެއް ކަހަލަ ނަން ބޯޑުތައް ޖެހުން ހިމެނޭ،" ސޯބެ ވިދާޅުވި އެވެ

ރޯޑް ސޭފްޓީގެ މުހިންމު ކަމާ ބެހޭ ގޮތުން މެމްބަރުން ކުރެއްވި މަޝްވަރާތަކުގައި ލިންކް ރޯޑްގެ އިތުރުން އައްޑޫ ސިޓީގެ ބައެއްް މަގުތައް ވަންވޭ އަށް ބަދަލުކުރުމާއި މަގުތަކުގައި ބެރޭކަރު އެޅުމާއި ހެލްމެޓް އެޅުމުގެ މުހިންމު ކަމުގެ މައްޗަށް ވަނީ މަޝްވަރާކޮށްފަ އެވެ.

ސޯބެެ ވިދާޅުވީ ފާއިތުވި 2014 ގައި އައްޑޫގެ ލިންކް ރޯޑްގައި އެކަނި ވެސް 170 އެކްސިޑެންޓް ހިނގާފައިވާއިރު ނުރައްކާތެރި 10 އެކްސިޑެންޓެއް ހިނގައި 5 މީހުން މަރުވެފައިވާ ކަމަށެވެ. އަދި އެ އަދަދަކީ ދުނިޔޭގެ އެންމެ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ ގައުމުތަކުގެ ލިސްޓަށް ރާއްޖެ އަރާނެ އަދަދެއް ކަމަށް އޮތޯރިޓީގެ ބޭފުޅުންފާހަގަ ކުރެއްވި އެވެ.

ޓްރާންސް ޕޯޓް އޮތޯރިޓީން އައްޑޫ ސިޓީގައި ފާއިތުވި ތިން ދުވަހު ވަނީ މަގުތަކުގެ ސޭފްޓީއާ ބެހޭ ދިރާސާއެއް ހަދައިފަ އެވެ. އަދި އެ ދިރާސާއާ ބެހޭ ޕްލިމިނަރީ ރިޕޯޓެއް މިއަދު އޮތް ކައުންސިލް ބައްދަލުވުމަށްވަނީ ހުށަހަޅައިފަ އެވެ.