ޖަރުމަނުގެ މަތިންދާބޯޓެއް ގަސްދުގައި ވައްޓާލައި، 149 މީހުންނާއި އަމިއްލަ ނަފުސު މަރައިލި ކޯޕައިލެޓް އެންޑްރިއާސް ލޫބިޒް ބޭނުންވީ ތާރީހުގައި ލިޔެވި، އޭނާގެ މަތިން އެންމެން ހަނދާން ކުރަން ކަމަށް ޖަރުމަނުގެ ބައެއް ނޫސްތަކުން ބުނެފިއެވެ.

ޖަރުމަނުގެ ބިލްޑް ނަމަކަށް ކިޔާ ނޫހާ ހަވާލާދީ ދަ ގާޑިއަން ނޫހުން ބުނީ އެންމެންނަށް އޭނާގެ ނަން އެނގި އޭނާ މަތިން ހަނދާން ކުރާ ވަރުގެ ކަމެއް ކުރާނެ ކަމަށް މިދިޔަ އަހަރު ލުބިޒް ބުނެފައިވާ ކަމަށެވެ.

"މުޅި ނިޒާމު އެކަމެއްގެ ސަބަބުން ބަދަލުވެގެންދާ ފަދަ ކަމެއް އަހަރެން އެއް ދުވަހަކުން ކުރާނަން. ދެން އެންމެންނަށް ވެސް އަހަރެންގެ ނަން އިނގޭނެ އަދި ހަނދާން ކުރާނެ،" ލުބީޒް އާއި ގުޅުން ބާއްވަމުން އައި މޭރީ ޑަބްލިއު ނަމަކަށް ކިޔާ އަންހެނަކާ ހަވާލާދީ ނޫހުގައި ވެއެވެ.

ޖަރުމަނުގެ ނޫހުން ބުނެފައި ވަނީ މަތިންދާބޯޓް ވައްޓައިލުމުގެ އެއް ދުވަސް ކުރިން ލޫބިޒް ބަލިވެ އުޅޭ ކަމުގެ ނޯޓެއް އޭނާ ދޫކޮށްފައިވާ ކަމަށެވެ. މަތިންދާބޯޓް ދުއްވަން އެކަށީގެންވާ ސިއްހަތެއް ނެތް ކަމަށް އެ ނޯޓްގައި އޭނާ ބުނެފައިވާ ކަމަށް ވެސް އެނޫހުން ވަނީ ބުނެފައެވެ.

ޖާރމަންވިގްސްގެ 4U-9525 މަތިންދާބޯޓްް އަންގާރަ ދުވަހު ގަސްދުގައި ވައްޓައިލީ ސްޕެއިންގެ ބާސެލޯނާ އިން ޑުސެލްޑޯފަށް ދަތުކުރަނިކޮށެވެ. އެއީ އެއާބަސް އޭ 320 މަރުކާގެ ބޯޓެކެވެ. އެބޯޓުން ދަތުރުކުރި 150 މީހުންް ވަނީ އެހާދިސާގައި މަރުވެފައެވެ.

ލޫބިޒް ގަސްދުގައި މަތިންދާބޯޓް ވައްޓައިލީ ކެޕްޓަން ފާހާނާއަށް ދިޔަ ވަގުތު ކޮކްޕިޓް ތަޅުލުމަށް ފަހުގައެވެ.