28 Mar 2015, 15:57
މާރާމާރީ ހިންގުމަށް ބޭނުން ކުރެވިދާނެ އާލާތްތަކަކާއެކު މަސްތުގެ ހާލަތުގައި ހުރި ތިން މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ، އެ ތިން މީހުން ހައްޔަރު ކުރީ އިއްޔެ އިރުއޮއްސި 6:30 ހާއިރު އެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ އުމުރުން 18 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ފިރިހެނެއްގެ އިތުރުން 23 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނީ، އެ މީހުން ހައްޔަރު ކޮށްފައިވަނީ، ދިދި ގޯޅި ތެރޭގައި އެމީހުންގެ އަމަލުތައް ހުރި ގޮތުން ތުހުމަތު ކުރެވިގެން ކަމަށެވެ. އަދި މާރާމާރީ ހިންގުމަށް ބޭނުން ކުރެވިދާނެ އާލާތްތައް ފެނިފައި ވަނީ އެމީހުން ތިބި ސަރަހައްދު ބަލައިފާސްކުރިއިރު އެ ގޯޅިތެރޭގައި ރައްކާކޮށްފައި ހުއްޓައި ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން އަދި ބުނީ އެމީހުން ހައްޔަރު ކުރިއިރު އެމީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށެވެ.
އެ ތިން މީހުންނަކީ ވެސް ތޫނު ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލަތަކުގެ ރެކޯޑާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑުގެ އިތުރުން ފޭރުމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ ބައެއް ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ހައްޔަރުކުރި 18 އަހަރުގެ މީހާ އަކީ ތަފާތު އެކި ކަންކަމާ ގުޅިގެން 126 ފަހަރު ހުއްޓުވައި ސުވާލުކޮށް 16 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހަ ފަހަރު ހައްޔަރު ކޮށްފައިވާ މީހެކެވެ. މީގެ އިތުރުން އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ހަތަރު މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ވަނީ ފޮނުވާފައި ވާ ކަމަށް ފުލުހުން ބުންޏެވެ.
އަދި ހަމަ އެ މައްސަލައިގައި ހައްޔަރު ކުރި 20 އަހަރުގެ މީހާ އަކީ ތަފާތު އެކި ކަންކަމާއި ގުޅިގެން 158 ފަހަރު ހުއްޓުވައި ސުވާލުކޮށް އަށް ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ތިން ފަހަރު ހައްޔަރު ކޮށްފައިވާ މީހެކެވެ. މީގެ އިތުރުން އޭނާގެ މައްޗަށް ތުހުމަތު ކުރާ މައްސަލައެއްގެ ތަހުގީގު ނިންމާ ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން އަދި ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި 23 އަހަރުގެ މީހާ އަކީ ތަފާތު އެކި ކަންކަމާ ގުޅިގެން 157 ފަހަރު ހުއްޓުވާ ސުވާލުކޮށް 15 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އަށް ފަހަރު ހައްޔަރު ކޮށްފައިވާ މީހެއް ކަމަށެވެ. މީގެ އިތުރުން އޭނާގެ މައްޗަށް ތުހުމަތު ކުރާ ތިން މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައި ވާ ކަމަށްވެސް ފުލުހުން ބުންޏެވެ.