ރާއްޖޭގައި ކުރިއަށް ގެންދާ އެންމެ ބޮޑު ފުޓްސެލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕްގެ ދެވަނަ ބުރަށް ދަތުރުކުރި 16 ޓީމު ކަށަވަރު ވެއްޖެއެވެ.

އެ މުބާރާތުގައި ރޭ ކުޅުނު ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުތައް ކާމިޔާބުކޮށް، ގްރޫޕް 'ޑީ'، 'އީ' އަދި 'ޖީ' އިން އެއްވަނަ ޓީމުތަކުގެ ގޮތުގައި މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކޮށްފައި ވަނީ މޯލްޑިވިއަން އާއި ޔޫތު މިނިސްޓްރީ އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑެވެ.

ރޭ ރައީސް އޮފީހުގެ ޓީމާ ދެކޮޅަށް މޯލްޑިވިއަން ކުޅުނު މެޗު ކާމިޔާބު ކުރީ 3-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު، މުޅިއަކު ހަ ޕޮއިންޓް ހޯދައިގެން މޯލްޑިވިއަން މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކުރީ ގޯލްގެ ތަފާތަކުން ގްރޫޕް 'ޑީ'ގެ އެއްވަނަ ހޯދައިގެންނެވެ.

އެ ގްރޫޕްގެ ދެވަނައިގައި ހަ ޕޮއިންޓާއެކު ރައީސް އޮފީސް އޮތްއިރު، ގްރޫޕް ތަކުން ދެވަނައަށް އެންމެ ރަނގަޅު ނަތީޖާ ހޯދައި ޓީމްތަކުގެ ތެރޭ ހިމެނި، ރައީސް އޮފީހަށްވެސް ވަނީ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ކަށަވަރު ވެފައެވެ.

ރޭ ކަސްޓަމްސްއާ ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ހަތް ޕޮއިންޓާއެކު ގްރޫޕު 'އީ'ގެ އެއްވަނަ ޓީމެއްގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދީ ޔޫތު މިނިސްޓްރީ އެވެ. ނަމަވެސް ގްރޫޕް ސްޓޭޖުން މުޅިއަކު ހަ ޕޮއިންޓް ހޯދާފައިވާ ކަސްޓަމްސް ވެސް ވަނީ އެންމެ ރަނގަޅު ދެވަނަ ނަތީޖާއެއް ހޯދި ޓީމްތަކުގެ ތެރޭ ހިމެނި، ދެވަނަ ބުރަށް ދަތުރު ކޮށްފައެވެ.

ގްރޫޕް 'ޖީ'ގެ ފަހު މެޗުގައި، އައިޖީއެމްއެޗް 4-1 ގެ ނަތީޖާއަކުން ބަލިކޮށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވެސް ދެވަނަ ބުރަށް ދަތުރު ކޮށްފައި ވަނީ ގްރޫޕްގެ އެއްވަނަ ޓީމެއްގެ ގޮތުގައެވެ. ނަމަވެސް ތިން ޕޮއިންޓާއެކު އެ ގްރޫޕްގެ ދެވަނައިގައި އޮތް އެޗްޕީއެސްއެން ވަނީ މުބާރާތުން ކަޓާފައެވެ.

އަށް ގްރޫޕެއް ހިމެނޭ ކްލަބް މޯލްޑިވްސް ކަޕްގައި، ގްރޫޕް 'އޭ'، 'ބީ'، 'ސީ'، 'އެފް'، 'އެޗް' އަދި 'އައި' އިން އެއްވަނަ ޓީމްތަކުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރު ކޮށްފައިވާ ޓީމްތަކަކީ ޓީމް ފެނަކަ އާއި އެމްޕީއެލް، އެސްޓީއޯ، ސްޓެލްކޯ، ކްލަބް އެމްއާރްޑީސީ އަދި އެލައިޑް އެވެ.

އޭގެ އިތުރުން ގްރޫޕް ތަކުން ދެވަނައަށް އެންމެ ރަނގަޅު ނަތީޖާއެއް ހޯދައިގެން މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކޮށްފައިވާ ޓީމްތަކަކީ ބީއެމްއެލް އާއި އެފްއެސްއެމް، ސިވިލް ކޯޓް، ސިފައިން އަދި ޓީމް އެމްއައިއޭ އެވެ.

ގްރޫޕް ތަކުން ދެވަނައަށް ދިޔަ ޓީމްތަކުގެ ތެރެއިން ދެވަނަ ބުރުން ޖާގަ ނުލިބޭ ދެ ޓީމަކީ ގްރޫޕް 'އައި'ގެ ދެވަނައިގައި ހަތަރު ޕޮއިންޓާއެކު އޮތް ޕޮލިސް ކްލަބާއި، ގްރޫޕް ޖީ'ގެ ދެވަނައިގައި ތިން ޕޮއިންޓާއެކު އޮތް އެޗްޕީއެސްއެން އެވެ.