28 Mar 2015, 15:05
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ދެވަނަ ޑިވިޝަން އެކްސްއެލް ލިމިޓަޑް އޮވަރ ކްރިކެޓް މުބާރާތުގައި އިއްޔެ ކުޅުނު މެޗު ކާމިޔާބުކޮށް، މިދިޔަ އަހަރުގެ ޗެންޕިއަން ސީބީއެލް ސްޕޯޓްސް ފެށުން ރަނގަޅު ކޮށްފިއެވެ.
އެކުވެނި އެއް ނަންބަރު ކްރިކެޓް ދަނޑުގައި އިއްޔެ ހެނދުނު ކުޅުނު އެ މެޗުގައި ސީބީއެލްއާ ދެކޮޅަށް ވާދަކޮށްފައި ވަނީ ވޭލިއެންޓް ސްޕޯޓްސް ކްލަބް (ވީއެސްސީ) އެވެ. އެ މެޗު ސީބީއެލް ކާމިޔާބު ކުރީ ނުވަ ވިކެޓުންނެވެ.
މެޗުގައި ޓޮސް ދިމާވި ވީއެސްސީ ފުރަތަމަ ބެޓް ކުރަން ނިންމި އިރު، 28 އޯވަރުގެ ތެރޭގައި އެ ޓީމަށް ކާމިޔާބު ކުރެވުނީ 72 ލަނޑެވެ. ޖަވާބުގައި ސީބީއެލް ވަނީ 12 އޯވަރުގެ ތެރޭ 74 ލަނޑު ކާމިޔާބު ކޮށްފައެވެ. ސީބީއެލްގެ ރިމާޒް އިނިންގްސް ނިންމާލާފައި ވަނީ ޓީމަށް ހައެއް ހޯދަދީފައެވެ.
އެ މުބާރާތުގައި މިއަދު ކުޅޭ މެޗުގައި މިހާރު ވާދަކުރަމުން ދަނީ މާލެ ސްޕޯޓްސް ކްލަބާއި އެމްއެސް ހެލްޕިންގް ހޭންޑް ސްޕޯޓްސް އެކަޑަމީ އެވެ.
ހަތަރު ޓީމެއް ވާދަކުރާ ދެވަނަ ޑިވިޝަންގެ ކްރިކެޓް މުބާރާތް ފަށާފައި ވަނީ އިއްޔެ އެވެ. އެ މުބާރާތުގައި ވާދަކުރާ ޓީމްތަކަކީ އެންމެ ފަހުގެ ޗެންޕިއަން ސީބީއެލް ސްޕޯޓްސް އާއި މާލެ ސްޕޯޓްސް ކްލަބް، އެމްއެސް ސްޕޯޓްސް އެކަޑަމީ އަދި ވޭލިއެންޓް ސްޕޯޓްސް ކްލަބެވެ.
ރައުންޑް ރޮބިން އުސޫލުން ފުރަތަމަ ބުރު ކުރިއަށް ގެންދިޔުމަށް ފަހު، އެންމެ ރަނގަޅު ނަތީޖާއެއް ހޯދައި ދެ ޓީމްގެ މެދުގައި ފައިނަލް ކުޅެން ހަމަޖެހިފައިވާ ދެވަނަ ޑިވިޝަން އެކްސްއެލް ލިމިޓަޑް އޯވަރ ކްރިކެޓް މުބާރަތް ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންނަ މަހުގެ 18 ވަނަ ދުވަހާ ހަމައަށެވެ.