ލަންޑަން : އިނގިރޭސިވިލާތުގައި މުސްލިމުން ގިނަވުމަކީ އިނގިރޭސިމުޖްތަމަޢަށް ހެޔޮބަދަލުތައް އަންނާނެ ކަމެއް ކަމަށް މިދިޔަ އަހަރު އިސްލާމް ދީން ޤަބޫލުކޮށް އިސްލާމްވި އިނގިރޭސި ރައްޔިތެއް ކަމަށްވާ ލޮރިން ޕޯޓް ވިދާޅުވެއްޖެއެވެ. ލޮރިންއަކީ އިނގިރޭސި ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއަރގެ އަނބިކަނބަލުން ޝެރީ ބްލެއަރގެ އެއްބަނޑުއެއްބަފާ އަންހެން ކޮށްކޮއެވެ.

އިނގިރޭސިވިލާތުގެ މަޝްހޫރު ޔުނިވަރސިޓީއެއް ކަމަށްވާ އެސެކްސްގައި ކޮންމެ އަހަރަކުވެސް ބާއްވާ އިސްލާމީ މަހާސިންތާ ތަކުގެތެރެއިން މިއަހަރުގެ މަހާސިންތާގައި ވާހަކަ ދައްކަވަމުން ލޮރިން ވިދާޅުވީ އިސްލާމްވެ ވަޑައިގަތުމުން އޭނާގެ ޙަޔާތަށް ހެޔޮބަދަލުތަކެއް އަތުވެއްޖެ ކަމަށާއި އިސްލާމީ ތަޢްލީމާއި ތަރްބިއްޔަތުގެ އަލީގައި އޭނާގެ ދެދަރިންނަށް މިހާރުދެވޭ ތަރްބިއްޔަތު ކުރިން ދެވުނު ތަރްބިއްޔަތަށްވުރެ މާރަނގަޅުކަމަށް ދެކެވަޑައިގަންނަވާ ކަމުގައެވެ.

އިސްލާމްދީނާއި މުސްލިމުންނާމެދު ޓޯނީ ބްލެއަރ ދެކެވަޑައިގަންނަވާ ގޮތާބެހޭގޮތުން ލޮރިން ވިދާޅުވީ ބްލެއަރ އަކީ ބްލެއަރ ކަމަށާ އޭނާ ބަދަލުނުވާ ކަމުގައެވެ. ނަމަވެސް ލޮރިންގެ ދައްތަ (ބްލެއަރގެ އަނބިކަނަލުން) ޝެރީއަކީ އިސްލާމް ދީނަށް ވަރަށް ޤަދަރުކުރައްވައި އިޙްތިރާމް ކުރައްވާ ބޭފުޅެއް ކަމަށް ލޮރިން ވިދާޅުވިއެވެ.

އުމުރުން 43 އަހަރު ލޮރިންއަކީ އީރާނުގެ އިނގިރޭސި ޓީވީ ނެޓްވާކެއް ކަމަށްވާ ޕްރެސް ޓީވީ ގައި މަސައްކަތްކުރައްވާ ސީނިއަރ ޖާނަލިސްޓެކެވެ. ލޮރިން އިސްލާމްވެ ވަޑައިގަތީ އީރާނުގެ ދީނީ ޢިލްމުވެރިންގެ އަތްމައްޗަށް 2010 ވަނަ އަހަރުގައެވެ. އިސްލާމް ދީން ޤަބޫލުކުރުމަށް ދިމާވި ސަބަބާބެހޭ ގޮތުން ލޮރިން ވިދާޅުވީ ތެހެރާންގެ މިސްކިތަކަށް ވަނުމުން ހިތަށް ވެރިވި މަޑުމޮޅި ކަމަކާއި ޚުޝޫޢަތްތެރި ކަމެއްގެ ސަބަބުން މާތް ﷲ ސުބްޙާނަހޫ ވަތައާލާގެ ކުޅަދުންވަންތަކަން ހަނދުމަވެ އިސްލާމް ދީނަށް ލޯބިޖެހުނީ ކަމުގައެވެ.
ލޮރިންއަކީ ބުރުގާ އަޅައި ފަސްވަގުތު ނަމާދުކޮށް ރަމަޟާންމަހު ރޯދަހިފައި ދީނީ ފޮތްތައް ކިޔައި ދީނުގައި ޙަރާމް ކުރެއްވި ކަންތައްތަކުން ދުރުވެވަޑައިގެން ހުންނަވާ ބޭފުޅެއް ކަމަށް އޭނާ ވިދާޅުވިއެވެ. -- ޔޫބީއައި