އަހަރުގެ ސީޒަން އޯޕަނިންގް މުބާރާތެއްގެ ގޮތުގައި މޯލްޑިވްސް ބޮޑީ ބޯޑިންގް އެސޯސިއޭޝަން (އެމްބީބީއޭ)އިން ކުރިއަށް ގެންދަން ނިންމާފައިވާ "ބުރުބު ޝިކާރު ބޮޑީ ބޯޑިންގް ޗެލެންޖް 2015"ގެ އެންޓްރީ ޑެޑްލައިން އިތުރުކޮށް، މާދަމާ އެ މުބާރާތް ފަށަން ނިންމައިފިއެވެ.

މުބާރާތާ ބެހޭ ގޮތުން 'ސަން'އަށް މައުލޫމަތު ދެމުން އެމްބީބީއޭގެ މީޑިއާ ކޯޑިނޭޓަރު ހަސަން ރަޝީދު (ރަޝް) ވިދާޅުވީ އިވެންޓް ލަސްކުރަން ނިންމީ ވީހާވެސް ގިނަ ފަރާތްތަކަކަށް އެ މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ހޯދަދިނުމަށް ކަމަށެވެ.

އެމްބީބީއޭއިން ބުނީ މިހާރު އެ މުބާރާތާ ބައިވެރިވާން އެދޭ ފަރާތްތަކަށް ބައިވެރިވާން އެދޭ ފޯމް ހުށައެޅުމަށް ކަނޑައަޅާފައިވާ އެންމެ ފަހު ވަގުތަކީ މިއަދު ހަވީރު 4:00 އެވެ.

"ބުރުނު ޝިކާރު" މާދަމާ ފަށަން ހަމަޖެހިފައި ވާއިރު، އެ މުބާރާތުގެ މެއިން ސްޕޮންސަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ބީއެޗްއެމް ޓްރޭޑާސްއިން މާކެޓް ކުރާ އެކްސްއެލް އެނަރޖީ ޑްރިންކެވެ.

ބުރާސްފަތި ދުވަހުގެ ރޭ ސްޕޮންސާޝިޕް އެގްރީމަންޓުގައި ސޮއިކުރުމަށް ބޭއްވި ހަފްލާގައި އެމްބީބީއޭގެ ފަރާތުން އެގްރީމަންޓުގައި ސޮއިކޮށްފައި ވަނީ އެމްބީބީއޭގެ ރައީސް އަބްދުﷲ އަރީފް އާއި ނައިބު ރައީސް މުހައްމަދު ޚުޝްރުވާން އެވެ. އެކްސްއެލް އެނާޖީ ޑްރިންކުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރީ ބީއެޗްއެމްގެ އިސް ދެ ބޭފުޅުންނެވެ.

"ބުރުނު ޝިކާރު ބޮޑި ބޯޑިންގް ޗެލެންޖް" އަކީ ވޭތުވެދިޔަ ދެ އަހަރުވެސް ސީޒަން އޯޕަނިންގް އިވެންޓެއްގެ ގޮތުގައި އެމްބީބީއޭއިން ކުރިއަށް ގެންދާ މުބާރާތެކެވެ. ޖެހިޖެހިގެން ތިންވަނަ އަހަރަކަށް މިއަހަރު ބާއްވާ އެ މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން އަންނަ އޭޕްރިލް މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް، ރާޅުގަނޑު ސަރަހައްދުގައެވެ.