ހާބަރު ސަރަހައްދުގައި ހުންނަ "ޅިޔަނު ކެފޭ"ގެ ތެރެއަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ އެތަނުގެ ވެއިޓަރަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލިތާ ހަފްތާއެއް ވެގެން ދިޔައިރު ވެސް އެކަމާ ގުޅިގެން މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ، މިމަހުގެ 22 ވަނަ ދުވަހުގެ ފަތިހު 4:00 ހާއިރު ހިންގި މާރާމާރީގައި މަރާލި ބިދޭސީގެ މަރާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކުރެވިފައިނުވާ ކަމަށެވެ.

ބަނގުލަދޭޝް މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިނުވާއިރު، އޭގެ ފަހުން ފުލުފުލުގައި ބިދޭސީންނަށް ދީފައިވާ އެއްވެސް ހަމަލާއަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ހުރިހާ މައްސަލައެއް ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މާލޭގެ އިތުރުން މިދިޔަ ހޯމަ ދުވަހު ވަނީ އއ. ތޮއްޑޫގައި ވެސް ޒަހަމްތަކާއެކު މަރުވެފައި އޮތް ބިދޭސީއަކު ފެނިފަ އެވެ. ނަމަވެސް އޭނާ މަރުވެފައިވަނީ އަމިއްލައަށް ދަންޖެހިގެންތޯ ނުވަތަ މީހަކު ހަމަލާދީގެން މަރާލީތޯ ވަނީ އަދި ސާފުވާގޮތް ނުވެފަ އެވެ.