މަޝްހޫރު ޓީވީ ސިލްސިލާ، "ގޭމް އޮފް ތްރޯންސް" އިންޑިޔާގެ ވައްޓަފާޅިއަށް ބަދަލުކޮށް އުފައްދަން ނިންމައިފި އެވެ. "ރާނީ މަހަލް"ގެ ނަމުން އުފައްދާ މި ސިލްސިލާގެ ލީޑް ރޯލް ކުޅެން ހަމަޖެހިފައިވަނީ "ކަހާނީ ގަރްގަރްކީ" އިން އާންމުންގެ ލޯބި ހޯދައިފައިވާ ސާކްޝީ ތަންވާރެވެ.

އެޗްބީއޯގެ އެންމެ މަގްބޫލު ޝޯ "ގޭމް އޮފް ތްރޯންސް" އަކީ "އަޔަން ތްރޯން" ގައި ރަސްކަންކުރަން ބޭނުންވާ އާއިލާތަކުގެ އަނިޔާވެރި ވާދަވެރިކަމާއި ހަމަނުޖެހުންތައް ދައްކައިދޭ ސިލްސިލާއެކެވެ. މި ސިލްސިލާގައި ފެނިގެންދާނީ މީގެ ޓީވީ ޝޯ އަދި ވާހަކަ ފޮތަށް ރިއާޔަތްކޮށްފައި ކަމަށް އަޑު ފެތުރިފައި ކަމުގައިވީ ނަމަވެސް މި ސިލްސިލާގައި ބޮޑަށް ދައްކުވައިދޭނީ 1857 ވަނަ އަހަރުގެ އިންޑިޔާގައި ހިނގައިދިޔަ ހަމަނުޖެހުންތަކަށް ބިނާކޮށް ކަމަށް ލަފާކުރެވެއެވެ. ވުމާއި އެކު ގޭމް އޮފް ތްރޯންސްގައި ފެންނަ "ޑްރެގަން"ތައް އިންޑިއަން ސީރީސްގައި ފެނުމުގެ އުއްމީދު ކުޑައެވެ.

މި ސިލްސިލާގެ ލީޑް ރޯލްތަކުން ފެނިގެންދާނީ އިންޑިޔާގެ މިހާރު މަޝްހޫރު ސީރީސްތަކުގެ ތަރިންނެވެ. އެގޮތުން މި ސީރީސްގެ ކިޓް ހެރިންޓަން ނުވަތަ ޖޯން ސްނޯގެ ބައި ކުޅުމަށް ހަމަޖެހިފައިވަނީ "ޔޭ ހޭ މުހައްބަތޭން"ގެ ތަރި އަނީތާ ހަސަނަންދަނީ އެވެ. އަދި ސޯފީ ޓާނާ ނުވަތަ ސަންސާ ސްޓާކްގެ ބައި ކުޅުމަށް ހަމަޖެހިފައިވަނީ "ކޭސީ ޔޭ ޔާރިޔާން"ގެ ތަރި ޕާރތް ސަމްތާން އެވެ.