28 Mar 2015, 13:33
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމް ކޮށް، މިދިޔަ އަހަރު ރާއްޖޭގައި ކްރިކެޓުން އެންމެ ހުނަރުވެރި ފަރާތްތައް ހޮވުމަށް ބޭއްވި "ކްރިކެޓް ނައިޓް" ގައި، "ކްރިކެޓަރ އޮފް ދަ އިޔަރ"ގެ މަގާމް އަހުމަދު ހަސަން ހޯދައިފި އެވެ.
ރޭ ގިޔާސުއްދީން ސްކޫލްގައި ބޭއްވި "ކްރިކެޓް ނައިޓް"ގައި، އަހަރުގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާގެ އިތުރުން، އެންމެ މޮޅު އުކުންތެރިޔާގެ މަގާމްވެސް ހޯދާފައި ވަނީ އަހުމަދު ހަސަން އެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ތެރޭ ކުޅުނު 19 މެޗުގައި، 466 ލަނޑު ހަދައި، 35 ވިކެޓް ނަގައި، 5 ކެޗް ހިފާފައެވެ. މިއަހަރުގެ ރޭންކިންގެ އެންމެ މަތިން ސްކޯރ ކުރި ހަސަން ވަނީ 1191 ޕޮއިންޓު ހޯދާފައެވެ.
ވޭތުވެދިޔަ އަހަރުގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިއަކަށް ހޮވުނީ މިދިޔަ އަހަރު ކުޅުނު 20 މެޗުގެ ތެރޭ މުޅިއެކު 688 ލަނޑު ކާމިޔާބު ކުރުމުގެ އިތުރުން، ހަ ވިކެޓް ނަގައި، ނުވަ ކެޗް ހިފި މުހައްމަދު ރިޝަވާން އެވެ. އަދި މިދިޔަ އަހަރުގެ 21 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމް ހޯދީ އާދަމް ނާސިފް އެވެ.
ރެ ބޭއްވި "ކްރިކެޓް ނައިޓް"ގައި ސްކޫލްތަކުގެ އުމުރުފުރާތަކުންވެސް އެންމެ މޮޅު ކުޅުންތެރިން ހޮވާފައި ވާއިރު، 16 އަހަރުން ދަށުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ މުހަންމަދު ސަދުހާން އާއި އަހްމަދު އައިހަމް ޒިޔާދު، ތުސާރު ޖަސްނާނީ، ޔޫސުފު އަޒިޔާން ފަރުހަތު އަދި އިންދުވާން ސަކިންދުރަ އެވެ.
އޭގެ އިތުރުން 14 އަހަރުން ދަށުގެ އުމުރުފުރާއިން އަލީ އިމްއާން އާއި ހުސެން މަފާޒު، އިސްހާގް އީސާ މުޒްންމިލް، މުހަންމަދު ނާއިހް އަދި ޔައުގޫބް ސަލްމާން މުޒައްމިލް އެންމެ މޮޅު ފަސް ކުޅުންތެރިންގެ މަގާމް ހޯދިއިރު، 12 އަހަރުން ދަށުގެ އުމުރުފުރާއިން އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ އަބްދުﷲ ރިފްދާން އާއި ޔޫސުފު ލޫތް، ޔާނިއު އަލީ ރަސީދު، ޔާމިން އަލީ ރަސީދު އަދި ސިވޭސް ޖާ އެވެ.
މިދިޔަ އަހަރުގެ މޮޅު ކުޅުންތެރިންނަށް އިނާމް ދިނުމުގެ އިތުރުން، ކްރިކެޓަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކޮށްދެއްވި މޫސާ ކަލީމް އާއި އަހުމަދު އަފްޒަލް ފާއިޒް އަދި ފާއިޒް މޫސާ އަށް ވަނީ ޕްރެޒިޑެންޓްސް އެވޯޑް ދީފައެވެ. އަދި މިދިޔަ އަހަރު ސީބީއެމްއިން ކުރިއަށް ގެންދިޔަ މުބާރާތްތައް ސްޕޮންސަރ ކޮށްދިން ބީއެޗްއެމް ޓްރޭޑަރސް އާއި ނެސްލޭ މައިލޯ އަދި އޯލް ސްޕޯޓްސްއަށް ވަނީ ސްޕޮންސަރ ސާވިސް އެވޯޑް ދީފައެވެ.
އޭގެ އިތުރުން އެކި ގޮތްގޮތުން މިދިޔަ އަހަރު ކްރިކެޓަށް ހިދުމަތް ކޮށްދިން ފަރާތްތަކުގެ ތެރެއިން، އެންމެ މޮޅު ކޯޗަކަށް ހޮވިފައި ވަނީ ޑިވަލޮޕްމަންޓް ކޯޗް ނިލަންތަ ކޫރޭ އެވެ. އަދި އެންމެ ހިންގުންތެރި ސްކޫލަކަށް ތާޖުއްދީން ސްކޫލް ހޮވުނުއިރު، އެންމެ ރަނގަޅު ކްލަބަކަށް ހޮވުނީ މާލެ ސްޕޯޓްސް ކްލަބެވެ. އަދި އަތޮޅު ތެރެއިން އެންމެ މޮޅު ކޯޗަކަށް ހޮވިފައި ވަނީ ލ. އަތޮޅުގައި ކޯޗުކަން ކޮށްދެމުން ގެންދަވާ ލިރުޣާމް ސައީދު އެވެ.
ރޭގެ ހަފްލާގައި ވަނަތައް ހޯދި ފަރާތަކަށާއި، ހިދުމަތް ކޮށްދެއްވި ފަރާތްތަކަށް ތައްޓާއި އިނާމް ހަވާލުކޮށްދެއްވީ އެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން، އޮލިމްޕިކް ކޮމިޓީގެ ކުރީގެ ޗެއާމަން އަދި އެޑިއުކޭޝަން މިނިސްޓްރީގެ ނައިބު މިނިސްޓަރު އިބްރާހިމް އިސްމާއިލް އެވެ.