ގާނޫނީ ގޮތުން ކުރަންޖެހޭ ކަމެއް ކޮށްގެން އެކަމާ ދެރަ ނުވާނެ ކަމަށާއި އެކަމަކު ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތެއް "ނުކޮށް ދޫކޮށްލެވިއްޖެނަމަ" އެއީ ދެރަވެ ކަންބޮޑުވާނެ ކަމެއް ކަަމަށާއި އަދި އެކަަމަށް ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެ އެވެ.

' ބްލޫސް ފޮރ ޔޫތް'ގެ 12 ވަނަ ކޭމްޕް ނިމުމުގެ ރަސްމިއްޔާތުގައި، އިސްކަންދަރު ބިލްޑިންގައި، މިއަދު ވާހަކަފުޅުދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވީ، ކުރިން ފުލުހުންނަށް ތައުރީފާއި 'ސަނާ'' ކިއުމަށްފަހު ހަމަ އެ ބޭފުުޅުން 'ކަނޑި ބަޑިއާއި ލޮންސި' ހިފައިގެން މަގުމައްޗަށް ނުކުތުމަކީ ފުލުހުންނަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

" މިއަދު އަޅުގަނޑުމެންނަށް ލިބިގެންދާ ކުޑަނަމަވެސް ކަންބޮޑުވުމަކީ އެކިއެކި މުނާސަބަތްތަކުގައި ތަފާތު ޕޯޑިއަމްތަކުގައި ފުލުހުންގެ ހިދުމަތަށް ސަނާކިޔާ ތައުރީފްކޮށް ހުޝާމަދުކުރުމަށްފަހު ހަމަ އެ ބޭފުޅުން، ނޫން ނަމަ އެ ފަރާތްތަކުން ކަނޑި ބަޑިއާއި ލޮންސިން ނުވަތަ އަލިފާން ބޯޅަ ހިފައިގެން އިންޒާރުގެ ބަސްތަކާއި އެކު މަގުމައްޗަށް ނުކުމެ ހިތު ހުރި އެއްޗެއް ހިތު ހުރިގޮތަކަށް ގޮވަމުންދާ ދިއުން،" ކޮމިޝަނަރު ވިދާޅުވި އެވެ.

" އެފަދަ އަމަލުތަކަކީ ފަހުގެ ތާރީޚެއްގައި ޖަވާބުދާރީ ވާންޖެހޭނެ ކަމެއް ކަމުގައި ވެސް ނުދެކި ނުވަތަ ނުވިސްނާ ވާހަކަ ދެއްކުމަށް ފަހު، ހަމަ ޖެހިގެން އަންނަ ދުވަހު އަޅުގަނޑުމެންނާ އެކު ހީސަަމާސާކޮށް ހިނިތުންވުމާއި އެކު ހުޝާމަދުކުރުމުގައި ހުންނަ ހުރުން. މިއީ ފުލުހުންގެ ހިދުމަތަށް އޮތް ވަަރަށް ބޮޑު ގޮންޖެހުމެއް."

މޯލްޑިވްސް ޕޮލިސް ސާވިސް އިން، ކުށް ކުރުން ހުއްޓުވުމަށް ކުރާ މަސައްކަތްތަކަކީ ބުރަ އަދި ބޮޑު މަސައްކަތެއް ކަމަށާއި މި މަސައްކަތުގައި ފުލުހުން ދެމިތިބެނީ މަދު ވަސީލަތްތަކަކާއި މަދު ބަޔަކު ބޭނުންކޮށްގެން ކަަމަށް ވެސް ހުސެއިން ވަހީދު ވިދާޅުވި އެވެ.

މި މަހުގެ 22 ން 27 އަށް ކުރިޔަށްގެންދިޔަ ބްލޫސް ފޮރ ޔޫތް ކޭމްޕްގައި މާލޭގެ ހަތް ސުކޫލަކުން 57 ދަރިވަރުން ބައިވެރިވި އެވެ.