20 Feb 2011, 16:35
ލަންޑަން : އިނގިރޭސި ވަލީއުލްޢަހްދު ޕްރިންސް ޗާލްސްގެ ދޮށީ ދަރިކަލުން ޕްރިންސް ވިލިޔަމްގެ ކައިވެނީގެ ރަސްމިއްޔާތު އަންނަ އޭޕްރިލް މަހުގެ 29 ގައި ބާއްވާގޮތަށް ހަމަޖެހިއްޖެވެ. ވިލިޔަމްގެ ލޯބިވެރިޔާއަކީ ކޭޓް މިޑިލްޓަން ނަމަކަށްކިޔާ އިނގިރޭސި އަންހެން ކުއްޖެކެވެ.
އިނގިރޭސި ޝާހީ ގަނޑުވަރު ބަކިންހަމް ޕެލަސްއިން މިހާރު ތައްޔާރުވަމުންދަނީ ވިލިޔަމްގެ ކައިވެނީގެ ރަސްމިއްޔާތަށް ތައްޔާރުވުމުގެ މަސައްކަތެވެ. މިރަސްމިއްޔާތު ކުލަގަދަގޮތެއްގައި ބޭއްވުމަށް ރާނީ އެލިޒަބަތު ބޭނުންފުޅުވާ ކަމަށް ޝާހީ ގަނޑުވަރުގެ ދާއިރާތަކާ ޙަވާލާދީ އިނގިރޭސި ނޫސްތައް ބުނެއެވެ.
ބަކިންހަމް ޕެލަސްއާ ޙަވާލާދީ އިނގިރޭސި ނޫސްތައް ބުނާގޮތުގައި މި ރަސްމިއްޔާތަށް ދުނިޔޭގެ ބައެއް ޤައުމުތަކުގެ ލީޑަރުންނަށާއި ޔޫރަޕްގެ ޝާހީ ޢާއިލާތަކުގެ ބައެއް އިސްމެންބަރުންނަށް ދަޢްވަތު ދެވޭނެއެވެ.
އިނގިރޭސި ޝާހީ ޢާއިލާގެ އާދަކާދައިގެ މަތިން ކައިވެނި ކުރެވޭނީ ލަންޑަންގެ ވެސްޓްމިނިސްޓަރ އަބޭގައެވެ. ވިލިޔަމްގެ މައިންބަފައިން ކަމަށްވާ އަވަހާރަވެފައިވާ ލޭޑީ ޑަޔާނާއާއި އަމީރު ޗާލްސް ވެސް ކައިވެނި ކުރެއްވީ ވެސްޓް މިނިސްޓަރ އަބޭގައެވެ. -- އިނގިރޭސވިލާތުގެ ނޫސްތައް