28 Mar 2015, 12:06
ސްރީ ލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާގެ ކޮއްކޯފުޅު، ޕްރިޔާންތަ ސިރިސޭނާ، 40، އަށް އޭނާގެ ރަހްމަތްތެރިއަކު ކޯރާޑިއަކުން ދިން ހަމަލާއެއްގައި ބޮލަށް ލިބުނު ޒަޚަމްތަކަށް ފަރުވާ ދެމުން ގެންދަނިކޮށް މިއަދު އަވަހާރަވެއްޖެ އެވެ.
"ވެލި ރަޖޫ"ގެ ނަމުން މަޝްހޫރު، ވިޔަފާރި ވެރިޔާ ޕްރިޔަންތަ އަށް މިދިޔަ ބުރާސްފަތި ދުވަހު ކޯރާޑިއަކުން ހަމަލާ ދީފައި ވަނީ، އޭނާގެ އެކުވެރިއެއް ކަމަށްވާ، ޑޮން އިޝަރާ "ލަކްމަލް" ސަޕްތަންތްރީ، 34، އެވެ. އަދި އެ ހަމަލާ ދީފައިވަނީ އެ ދެމީހުންގެ ދެމެދުގައި އުފެދުނު ދެބަސްވުމަކަށްފަހު ކަމަށް ލަންކާގެ ފުލުހުންނާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ބުނެއެވެ.
ޕްރިޔަންތަ ސިރިސޭނާއަށް މީހަކު ހަމަލާދީފައި މިވަނީ، ބޭބޭފުޅު މައިތުރިޕާލަ ސިރިސޭނާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގެން އުޅުއްވަނިކޮށެވެ.
ފުލުހުންގެ ތަރުޖަމާނު އޭއެސްޕީ ރުވާން ގުނަސެކެރާ ވިދާޅުވީ، ޕްރިޔަންތާ އަވަހާރަވެފައި ވަނީ، އޭނާއަށް ލިބިފައިވާ ޒަޚަމްތަކަށް ކޮލަމްބޯގެ ޕްރައިވެޓް ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާދެމުން ގެންދަނިކޮށް މިއަދު ހެނދުނު ކަމަށެވެ.
ލަންކާގެ ފުލުހުން ވަނީ، ޕްރިޔަންތާއަށް ހަމަލާދިން އޭނާގެ އެކުވެރިޔާ، "ލަކްމަލް" ވަނީ ބުރާސްފަތި ދުވަހު ހައްޔަރުކޮށްފައެވެ. ލަކްމަލްއާ ހަވާލާދީ ފުލުހުން ބުނެފައިވަނީ، އޭނާ ޕްރިޔާންތައަށް ހަމަލާ ދިނީ، އޭނާގެ މައިންބައިފައިންނަށް ނިސްބަތްވާގޮތަށް ޕްރިޔަންތަ "ހުތުރު އެއްޗެހި" ކިޔުމުން ކަމަށެވެ.
ޕްރިޔަންތަ ސިރިސޭނާއަށް ހަމަލާދިން މައްސަލައިގެ ތަހުގީ ލަންކާގެ ފުލުހުން ކުރިއަށް ގެންދާކަމަށް އެގައުމުގެ ނޫސްތަކުން ބުނެފައިވެއެވެ.