އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެމްބަރު ޝެއިހް މުހައްމަދު ދީދީ އިސްތިއުފާ ދެއްވައިފި އެވެ.

އަދާލަތު ޕާޓީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދީދީ ވިދާޅުވީ، ސަރުކާރަށް ކުރާ ތާއީދު އަނބުރާ ގެންދިއުމަށް އަދާލަތު ޕާޓީން ނިންމި ހިސާބުން، އޭނާ ސަރުކާރުގެ މަގާމެއްގައި މަސައްކަތް ނުކުރަން ނިންމި ކަމަށެވެ. ނަމަވެސް އޭރު ހުރީ ރާއްޖޭން ބޭރުގައިކަމުން މިއަދު އެމަގާމުން އިސްތިއުފާދެއްވާފައިވާނެ ކަމަށް ވިދާޅުވި އެވެ.

އިސްތިއުފާދެއްވަން، ސަރުކާރުގެ ފަރާތަކުންވެސް އަދި އަދާލަތު ޕާޓީގެ ފަރާތުންވެސް އަންގާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްތިއުފާ ދެއްވި ސަބަބު ހާމަ ކުރައްވަމުން ދީދީ ވިދާޅުވީ، އަދާލަތު ޕާޓީން، ރައީސް އަބްދުއްﷲ ޔާމީން ވެރިކަމަށް ގެނައީ ވަރަށް ބޮޑު އުންމީދެއްގައި ކަމަށާއި އަދާލަތު ޕާޓީގެ އެންމެ ބޭފުޅުން ސަރުކާރުގެ ތެރެއިން މަސައްކަތް ކުރަމުން އައީ ވަރަށް ފޮނި އުންމީދެއްގައި ކަމަށެވެ. ނަމަވެސް އެކަންކަން ބިލާހަކަށްވެ ސިޔާސީ ލީޑަރުން ގެއްލުވާލަން މަސައްކަތް ކުރާ މަންޒަރު ފެންނަ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުރަމުން އައި އުންމީދުތައް މުޅިން ނާއުންމީދަށް ބަދަލުވެގެން ދިޔައީ. އަނިޔާވެރިކަން އަޅުގަނޑުމެންނަށް ފެންނަން ފެށީ. ވަކިން ހާއްސަގޮތެއްގައި އަޅުގަނޑުމެނަށް ފާހަގަ ކުރެވުނު އަދި އަދާލަތު ޕާޓީ ޔަގީން ކުރެވުނު ސިޔާސީ ލީޑަރުން ސިޔާސީ މައިދާނުން ގެއްލުވާލުމުގެ މަސައްކަތްތަކެއް ފެށިގެންދާކަން،" ދީދީ ވިދާޅުވި އެވެ.

އަދުލުއިންސާފާމެދު ރައްޔިތުންގެ ހިތްތަކުގައި ބޮޑެތި ސުވާލުތައް އުފެދި ނާއުންމީދުވި ހިސާބުން އެކަން އިސްލާހު ކުރުމަށް އެޕާޓީން ސަރުކާރު ތެރެއިން ވަރަށް މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެކަން ކާމިޔާބުވެފައިނުވާ ކަމަށް ދީދީ ވިދާޅުވި އެވެ.

ސިޔާސީ ލީޑަރުން ގެއްލުވާލަން ކުރެވޭ މަސައްކަތުގެ ތެރެއިން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މައްޗަށް ހިންގި ޝަރީއަތަކީ އެއީ ގަބޫލް ކުރެވޭކަމެއް ނޫން ކަމަށާއި އެއީ "ފްރޭމް" ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތާއި ގުޅޭގޮތުން ނޫސްވެރިޔަކު ސުވާލުކުރުމުން ވިދާޅުވީ، " އެކަމަށް ސީދާ އެއްޗެއް ދައްނަވަން ނެތިން" ކަމަށެވެ.

އަދާލަތު ޕާޓީން ސަރުކާރާ އެކު މަސައްކަތް ނުކުރުމަށް ނިންމި ނިންމުމަށް އިހްތިރާމުކޮށް އަދާލަތު ޕާޓީގެ މެންބަރު އަދި ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ސިދާތާ ޝަރީފް ވެސް ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.