ޒުވާނުން ކުށުގެ މާހައުލުން ދުުރުކުރުމަށާއި އަޚްލާގީ ރީތި ސިފަތައް ދަސްކޮށްދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ކުރިޔަށްގެންދާ ' ބްލޫސް ފޮރ ޔޫތް" ގެ 12 ވަނަ ކޭމްޕްގައި ބައިވެރިވި ދަރިވަރުންނަށް ސެޓްފިކެޓް ދީފި އެވެ.

އިސްކަނަދަރު ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދެވެ.

މި މަހުގެ 22 ން 27 އަށް ކުރިޔަށްގެންދިޔަ މި ކޭމްޕްގައި މާލޭގެ ހަތް ސުކޫލަކުން 59 ދަރިވަރުން ބައިވެރިވެ، 57 ދަރިވަރުން ވަނީ ކޭމްޕް ފުރިހަމަކޮށްފައެވެ. ސިއްޙީ ސަބަބުތަކަށްޓަކައި ދެ ދަރިވަރަކު ވަނީ ވަކިވެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވީ، މި ބްލޫސް ފޮރ ޔޫތް ކޭމްޕްތަކުގެ ނަތީޖާ ވަރަށް ފުރިހަމަ ކަމަށެވެ.

" ޒުވާނުން ބާރުވެރިކުރުވާ ޒުވާނުންނަށް ހަރުދަނާ ރަނގަޅު ފުރުސަތުދީ ސިފަވަންތަ ބަޔަކަށް ހަދައި ގައުމުގެ އެންމެ ހަރުދަނާ މަސައްކަތްކޮށް ޒިންމާދާރު މަގާމުތަކަށް ދަތުރުކޮށް ބައްޓަން ކުރުމަށް ސަރުކާރާއި ރައްޔިތުން ކުރަމުންދާ މަސައްކަތުގައި ދިވެހި ފުލުހުން އަބަދުވެސް އެންމެ އިސް ސަފުގައި މަސައްކަތް ކުރަމުންދާނެ ކަން އަޅުގަނޑު މި ފުރުސަތުގައި ފާހަގަކޮށްލަން،" ހުސެއިން ވަހީދު ވިދާޅުވި އެވެ.

'ބްލޫސް ފޮރ ޔޫތް' ކޭމްޕް ނިމުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ފަޔާޒް މޫސާ

އަދި ކުށުގެ ނުރައްކަލުންނާއި ކުށުގެ މާހައުލުން ދިވެހި ޒުވާނުންނާއި ފުރާވަރުގެ ކުދިން ސަލާމަތްކުރުވައި ޒުވާނުން ތަމްރީނު ކުރުމަށް ފުލުހުންނަށް ކުރެވެން އޮތް ހުރިހާ މަސައްކަތެެއް ކުުރުމަށް ފުލުހުން ތިބޭނީ ތައްޔާރަށް ކަމަށް ވެސް ހުސެއިން ވަހީދު ވިދާޅުވި އެވެ.

'ބްލޫސް ފޮރ ޔޫތް' ކޭމްޕް ނިމުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ފަޔާޒް މޫސާ

މި ރަސްމިއްޔާތުގައި ވަނީ ބްލޫސް ފޮރ ޔޫތް ކޭމްޕްގައި ކިޔަވައިދެއްވި ޓްރެއިނަރުންނަށް ވެސް ސެޓްފިކެޓް ހަވާލުކޮށްދީފައެވެ. އަދި މި ކޭމްޕްގައި ތަފާތުގޮތްގޮތުން އެހީތެރިވި ފަރާތްތަކަށް ވެސް ވަނީ ސެޓްފިކެޓް ދީފައެވެ.

ޒުވާނުންނާއި ފުރާވަރުގެ އުމުރުގެ ކުދިންނަށް ޚާއްސަކޮށްގެން މާލެ އާއި އަތޮޅުތެރޭގެ ސްކޫލްތަކުގެ ދަރިވަރުން ބައިވެރިކޮށްގެން މޯލްޑިވްސް ޕޮލިސް ސާވިސް އިން ދަނީ މިފަދަ ޕްރޮގްރާމްތައް ހިންގަމުންނެވެ.