28 Mar 2015, 10:49
ފިހާރަތަށް 10 ޖަހާއިރު، ސައި ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓް ފަދަ ތަންތަން 12 ޖަހާއިރު ބަންދުކުރަން ނިންމި ނިންމުމަށް ވިޔަފާރިވެރިންގެ ހިތްހަމަ ނުޖެހުމެއް ނެތް ކަމަށް ވިޔަފާރިވެރިންގެ ޖަމިއްޔާއިން ބުނެފި އެވެ.
އެ ޖަމިއްޔާގެ ނައިބް ރައީސް އިސްމާއިލް އާސިފު މިއަދު ސަން އަށް ވިދާޅުވީ އެގަޑިތަކުގައި ވިޔަފާރިތައް ބަންދުކުރަން އަންގާފައިވީ ނަމަވެސް އެކަމާއި ގުޅިގެން އެއްވެސް ޝަކުވާއެއް ވެސް އަދި ހިތްހަމަނުޖެހުމެއް ވެސް ވިޔަފާރިވެރިންގެ ފަރާތުން އެޖަމިއްޔާއާ ހިއްސާކޮށްފައިނުވާ ކަމަށެވެ.
"ވިޔަފާރިވެރިންގެ އެހާ ބޮޑު މައްސަލައެއް ނެތްކަމަށް އަޅުގަނޑުމެން ބަލަނީ. އެއީ އެއްވެސް ބަޔަކު ނެތް އަޅުގަނޑުމެންނަށް ރަސްމީކޮށް ކޮމްޕްލެއިން ކޮށްފައެއް،.. ފިހާރަަތައް ލައްޕާ މައްސަލާގައި އަދިނެތް ރަސްމީކޮށް އެންމެ ކޮމްޕްލެއިނެއް ވެސް އައިސްފައެއް،" އާސިފް ވިދާޅުވި އެވެ.
ވިޔަފާރިވެރިންނަކީ ރާއްޖޭން ބޭރުން ތަކެތި ގެންނަ ބަޔަކަށްވުމުން ވިޔަފާރިތަކަކީ އެހެންގައުމުތަކުގައި އަވަހަށް ބަންދުކުރާ ތަންތަން ކަން ވިޔަފާރިވެރިންނަށް އެނގޭކަމަށް އާސިފް ވިދާޅުވި އެވެ.
އެބަދަލާއެކު ވިޔަފާރިތައް ދަށްނެދާނެތޯ ސުވާލުކުރުމުން އާސިފް ވިދާޅުވީ، އެބަދަލަކީ ވަކި ވިޔަފާރިއެއް ތަފާތު ނުކޮށް ހުރިހާ ވިޔަފާރިތަކަށް އެކުއެކީ ގެނައި ބަދަލަކަށް ވުމުން ވިޔަފާރިތައް ދަށްވާނެ ކަމަށް ނުބެލެވޭ ކަމަށެވެ. ނަމަވެސް 'ސޭލްސް'އަށް އަންނަ ބަދަލާއި ގުޅޭ ސީދާ ޖަވާބެއް ދޭން އެނގޭނީ ތިން ވަރަކަށް މަސް ފަހުން ކަމަށް އާސިފް ވިދާޅުވި އެވެ.
ސަން އިން ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ވަނީ ކުއްލިއަކަށް އެންގި އެނގުމާއި ގުޅިގެން ބައެއް ކަން ބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އެފަދަ ނިންމުންތައް ނިންމުމުގެ ކުރިން ވިޔަފާރިވެރިންނާ މަޝްވަރާ ނުކުރާކަމަށް ވިދާޅުވެ ބައެއް ވިޔަފާރިވެރިން ޝަކުވާ ހިއްސާކުރިއެވެ.
އިކޮނޮމިކް މިނިސްޓްރީން ވަކިގޮތަކަށް އަންގަންދެން ފިހާރަތައް ރޭގަނޑު 10 ޖަހާއިރު ބަންދުކުރަން އަންގާފައިވާއިރު ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން 12 ޖަހާއިރު ބަންދުކުރަން މިދިޔަ ބުރާސްފަތި ދުވަހު އެ މިނިސްޓްރީން ވަނީ އަންގާފައެވެ.