ވޮލީބޯޅަ އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ ވީއޭއެމް ޕްރެޒިޑެންޓްސް ކަޕްގެ އެންމެ ފަހުގެ ޗެންޕިއަން ޕޮލިސް ކްލަބް ބަލިކޮށް، ސްޕޯޓްސް ކްލަބް ގުޑީސް އެ މުބާރާތުގެ ޗެންޕިއަންކަން ހޯދައިފި އެވެ.

ގުޑީސް މުބާރާތުގެ ޗެންޕިއަންކަން ހޯދީ އިއްޔެ ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މުބާރާތުގެ ފައިނަލް މެޗުގައި 3-2 ގެ ވާދަވެރި ނަތީޖާއަކުން ޕޮލިސް ކްލަބްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ ފުރަތަމަ ސެޓު 20-25 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ގުޑީސް އެވެ.

ފުރަތަމަ ސެޓު ގެންދިޔަ ނަމަވެސް ޕޮލިސް ވަނީ ކުޅުން ރަނގަޅުކޮށް، ޖެހިގެން އައި ދެ ސެޓު 21-25 އަދި 22-25 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައެވެ. ނަމަވެސް މެޗުގެ ހަތަރު ވަނަ ސެޓު 11-25 ގެ ތަފާތުބޮޑު ނަތީޖާއަކުން ގުޑީސް ވަނީ ފަސޭހަ ކަމާއެކު ކާމިޔާބު ކޮށްފައެވެ.

ހަތަރު ސެޓު ކުޅެ ދެ ޓީމް އެއްވަރުވެފައި ވުމުން، ކުޅުނު ޓައިބްރޭކަރ ގުޑީސް ވަނީ ޕޮލިސް އަޖައިބު ކޮށްލުމަށްފަހު 18-20 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދި ގުޑީސްގެ އައިމިނަތު އަރީޝާ އެވެ.

މެޗަށް ފަހު ބޭއްވި އިނާމް ދިނުމުގެ ރަސްމިއްޔާތުގައި މުބާރާތުގެ ޗެންޕިއަން ޓީމަށް ތައްޓާއި އިނާމް ހަވާލު ކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހެމާން އަދި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުޖުތާޒް އެވެ. މުޖުތާޒްގެ އިތުރުން އެ ހަފްލާގައި ގައުމީ ފުޓްބޯޅަ ޓީމްގެ މެނޭޖަރު އަދި ކުރީގެ ވޮލީ ކުޅުންތެރިޔާ އަބްދުއްލަތީފް ވެސް ވަނީ މުބާރާތުގެ މޮޅު ކުޅުންތެރިންނަށް އިނާމް ދެއްވާފައެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ފައިނަލް މެޗު ފިޔަވައި މުބާރާތުގައި ޕޮލިސް ކުޅުނު ހުރިހާ މެޗެއްގައިވެސް މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އައިޝަތު ޝައްފަ އެވެ. އަދި މުބާރާތުގެ 19 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ ކްލަބް ތްރީ ސްޓާގެ އައިޝަތު އިމްތިނާން އެވެ.

މުޅި މުބާރާތުން އެންމެ މޮޅު ކޯޗަކަށް ހޮވުނީ ގުޑީސްގެ ކޯޗް ސޮފްވާން އަހުމަދު އެވެ. އަދި މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވުނީ ޕޮލިސް ކްލަބެވެ. އޭގެ އިތުރުން އެ ރަސްމިއްޔާތުގައި ވަނީ މުބާރާތުގެ ޑްރީމް ޓީމް ވެސް އިއުލާނު ކޮށްފައެވެ.