27 Mar 2015, 23:51
ވަކިވަކި ފުލުހުންގެ ފޮޓޯ ޝޯޝަލް މީޑިއާގައި އާންމުކޮށް، ފުލުހުނަށް އިންޒާރު ދީ، ބިރު ދެއްކުމަށް ކުރާ މަސައްކަތް ހުއްޓާލުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ވަކިވަކި ފުލުހުންގެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމުކޮށް، އެފަދަ ފޮޓޯތަކުގައި އިންޒާރުގެ ބަސްތައްލިޔެ ކުރަމުންދާ ކަންތައްތަކަކީ ބަލައި ގަންނާނެ ކަމެއް ނޫން ކަމަށެވެ.
އެފަދަ ފަރާތްތަކުން އެކަން ކުރަމުންދަނީ ފުލުހުންގެ ޤާނޫނީ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގެ ގޮތުން ކުރާ މަސައްކަތައް ނަފްރަތު އުފެއްދުމުގެ ގޮތުން ފުލުހުން ބުންޏެވެ.
"ވީމާ، ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތައް މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވެ ފުލުހުންނަށް އަދި އެއްވެސް ބަޔަކަށް ބިރުދެއްކުމުގެގޮތުން އެއްވެސް ޢަމަލެއް ނުހިންގުމަށް އިލްތިމާސްކުރަމެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.
ސޯޝަލް މީޑިއާގައި ވަކިވަކި ފުލުހުނަށް އިންޒާރުދީ ފޮޓޯ އާންމު ކުރަމުންދާ މީހުން ހޯދައި ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ.