20 Feb 2011, 16:28
ސިޔާސީ ހަރަކާތެއް ހިންގާފައި ނުވާ ކަމަށާއި ޕާޓީގެ އަސާސީ ގަވާއިދުގައިވާ ކަންތައް ހާސިލް ކުރުމަށް މަސައްކަތް ނުކުރާ ކަމަށް ބުނެ ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ވެސް ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ އެމްއެސްޑީޕީއަށް ނުދީ ހިފެހެއްޓި މައްސަލަ އެ ޕާޓީން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވާކަން ސިވިލް ކޯޓާއި އެމްއެސްޑީޕީގެ ވަކީލު ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް މި މައްސަލަ ކޯޓުގައި މިހާތަނަށް ރަޖިސްޓްރީކޮށްފައި ނުވާތީ އިތުރު ތަފްސީލެއް ވަކީލު ނުދެއްވަ އެވެ.
އެމްއެސްޑީޕީގެ އިތުރުން ފައިސާ ނުދީ ހިފަހައްޓާފައިވާ ޕީޕީ އިން ވެސް ހަމަ މި މައްސަލަ ކޯޓަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ
އެމްއެސްޑީޕީ އާއި ޕީޕީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ފައިސާ ނުދީ ހިފަހައްޓާފައިވާ ޕާޓީތަކަކީ އެސްއެލްޕީ އާއި އެމްއެންސީ އާއި އައިޑީޕީ ލޭބާ ޕާޓީ އެވެ. އެސްއެލްޕީ އާއި އެމްއެންސީ އާއި އައިޑީޕީ އަށް ފައިސާ ނުދޭން ނިންމީ ޕާޓީގެ އޮޑިޓް ރިޕޯޓް ހުށަހަޅާފައިނުވާތީ އާއި އެ ރިޕޯޓް ހުށަހަޅާފައިނުވުމުން ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދައްކާފައިނުވާތީ ކަމަށް އިލެކްޝަންސް އިން ބުނެ އެވެ. އަދި އެމްއެސްޑީޕީ އާއި ލޭބާ ޕާޓީ އަދި ޕީޕަލްސް ޕާޓީއަށް ފައިސާ ނުދޭން ނިންމީ ސިޔާސީ ހަރަކާތެއް ހިންގާފައިނުވާތީ އާއި އެ ޕާޓީތަކުގެ އަސާސީ ގަވާއިދުގައިވާ މަގްސަދުތައް ހާސިލްވާނެ ގޮތަށް މަސައްކަތްކޮށްފައިނުވާތީ ކަމަށް ވެސް އެ ކޮމިޝަނުން ބުނެ އެވެ.
ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ދައުލަތުގެ ބަޖެޓުގައި 13.7 މިލިއަން ރުފިޔާ ހިމަނާފައިވާއިރު އޭގެ ތެރެއިން މިހާތަނަށް ހަތް ސިޔާސީ ޕާޓީއަކަށް 10.3 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.
އޭގެ ތެރެއިން އެންމެ ގިނަ ފައިސާ ދޫކޮށްފައިވަނީ ވެރިކަން ކުރާ ޕާޓީ އެމްޑީޕީއަށެވެ. އެ ޕާޓީއަށް 3.6 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު އެންމެ ބޮޑު އިދިކޮޅު ޕާޓީއަށް ދޫކޮށްފައިވަނީ 3.2 މިލިއަން ރުފިޔާ އެވެ. އަދާލަތު ޕާޓީ އަށް ލިބިފައިވަނީ 842،441.62ރ. އެވެ. އަދި ޕީޕަލްސް އެލައިންސް (ޕީއޭ) އަށް 622،691.85ރ. ލިބިފައިވާ އިރު ގައުމީ އިއްތިހާދަށް ދީފައިވަނީ 643،471ރ. އެވެ. އަދި ގައުމީ ޕާޓީ އަށް 618،279.78 ވަނީ އިލެކްޝަންސް އިން ދޫކޮށްފަ އެވެ.