އާތު އަވާ ފާހަގަ ކުރުމަށް ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މާދަމާ ރޭ 8:00 އިން 10:00 އަށް އިންޖީނުލީ އުޅަނދު ދުއްވުން މަނާކޮށް، ފައިމަގުގައި އުޅުމަށް އަންގައިފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް "ސަން"އަށް މިރޭ ވިދާޅުވީ އެހެން އަހަރުތަކާ އެއްގޮތަށް މިއަހަރު ވެސް އާތު އަވާ ފާހަގަ ކުރުމަށް ދެ ގަޑިއިރަށް އިންޖީނުލީ އުޅަނދު އެއްގަމުގައި ދުއްވުން މަނާކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ގޮތަށް ހަމަޖެއްސެވީ އެންވަޔަރަމަންޓް މިނިސްޓްރީން އެދިގެން ކަމަށެވެ.

"މިނިސްޓްރީ އެދުނީ މާދަމާ ރޭ 8:00 އިން 11:00 އަށް އިންޖީނުލީ އުޅަނދު ނުދެއްވޭ ގޮތް ހެދުމަށް. ނަމަވެސް ބައެއް ބޭފުޅުންގެ ޒަރޫރީ ބޭނުންތަކާއި ދަތުރުފަތުތައް އިތުރަށް ބުރޫ ނޭރުވުމަށް އަޅުގަނޑުމެން މި ވަނީ ދެ ގަޑިއިރު ދީފައި،" ނާފިޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާދަމާ ރޭ އެއްގަމުގައި ވަކި އުނޅަދުތަކެއް ދުއްވުމަށް ހުއްދަ ދީފައިވާ ކަމަށެވެ. އެއީ ސަލާމަތީ ބާރުތަކުގެ އުޅަނދުތަކާއި އެމްބިއުލާންސް އާއި ފުރާ މީހުން ބޭނުން ކުރަން ހުއްދަ ދޭ ޓެކްސީ އާއި ޕިކަޕާއި ހާއްސަ އެހީ އަށް ބޭނުންވާ މީހުން ދުއްވާ ސައިކަލެވެ.

އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތުތަކުގައި ދުއްވާނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށް ނާފިޒު ވިދާޅުވި އެވެ.