27 Mar 2015, 17:49
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމްގެ މައްޗަށް ރޭ ކްރިމިނަލް ކޯޓުން އިއްވި 11 އަހަރު ދުވަހުގެ ޖަލު ހުކުމާ އެކު ރޭ އޭޑީކޭގައި އެޑްމިޓް ކުރި ނާޒިމްގެ މަންމަ މިއަދު ގެއަށް ބަދަލު ކޮށްފި އެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން ނާޒިމްގެ އާއިލާ ބޭފުޅަކު މިއަދު ވިދާޅުވީ ނާޒިމްގެ މަންމަގެ ހާލު މިހާރު ރަނގަޅު ކަމަށާއި މިއަދު ގެއަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ނާޒިމްގެ މަންމައަށް އޭޑީކޭގައި ރޭ ފަރުވާދިނުމަށް ފަހު މިއަދު ގެއަށް ދޫކޮށްލާފައިވާ އިރު ކްރިމިނަލް ކޯޓުން ވަނީ ރޭ ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކޮށްފަ އެވެ.
ކްރިމިނަލް ކޯޓުން ރޭ އިއްވި ހުކުމްގައި ވަނީ ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުން ފެނުނު ފިސްތޯލައަކީ އޭނާގެ އެއްޗެއްކަން ހެކީންގެ ހެކިބަހުންނާއި ނާޒިމްގެ ކަބަޑުން ފިސްތޯލަ ފެނުނު ކަމަށް ބުނެ ނާޒިމް ދީފައިވާ ބަޔާނަށް ބެލުމުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އަދި ނާޒިމް ދިރިއުޅުއްވި އެޕާޓްމެންޓުން ފެނުނު ހަތިޔާރަކީ އޭނާގެ އެއްޗެއް ނޫންކަން ސާބިތުކޮށްދޭނެ އެއްވެސް ހެއްކެއް ނާޒިމުގެ ފަރާތުން ހުށަހަޅާފައި ނުވާތީ އެއީ ނާޒިމުގެ އެއްޗެއް ކަމަށް ކޯޓުން ނިންމައިފަ އެވެ.
ޝަރީއަތުގެ މަޖިލިސް ނިންމާލުމަށް ފަހު ނާޒިމް ޝަރީއަތުގެ މަޖިލީހުން ނިކުމެވަޑައިގަތުމުގެ ކުރިން ވިދާޅުވީ "ހިތްވަރު ގަދަކުރައްވާ، ހައްގަށް އިންސާފު ލިބޭނެ" ކަމަށެވެ.