20 Feb 2011, 16:19
ސާކްގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމާ އަލަށް ހަވާލުވެވަޑައިގެންނެވި، ފާޠިމަތު ދިޔާނާ ސަޢީދު، ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އަރިހަށް މިއަދު އިހްތިރާމް ޒިޔާރަތެއް ކުރައްވައިފި އެވެ.
މިއަދު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ސާކްގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމާ ދިޔާނާ ސަޢީދު ހަވާލުވެވަޑައިގެންނެވުމާ ގުޅިގެން އެކަމަނާއަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވިއެވެ. އަދި ސަރުކާރުން، ސާކްގެ ސެކްރެޓެރީ ޖެނެރަލްގެ މަގާމަށް ދިޔާނާގެ ނަންފުޅު ހުށަހެޅީ ދިޔާނާގެ ޤާބިލުކަމާމެދު، ލިބިވަޑައިގެންފައިވާ ޔަޤީންކަމުގެ ސަބަބުން ކަމުގައި ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ދިޔާނާގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ ދައުރުގައި ސާކްގެ ޤައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އެކަމުގެ ފައިދާ، ރާއްޖޭގެ ތަރައްޤީއަށް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ ދިޔާނާގެ ދައުރުގައި، މުޅި ދެކުނު އޭޝިޔާއަށް އިތުރު ކުރިއެރުން ލިބި، ސާކަކީ ހަރުދަނާ ޖަމާޢަތަކަށް ވާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށެވެ.
މިއަދު ދިޔާނާ ދެއްކެވި ވާހަކަފުޅުގައި، ސާކްގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް ޢައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައި، އެކަމަނާއަށް ކުރެއްވި އިތުބާރަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.