ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމްގެ މައްޗަށް މިރޭ ކްރިމިނަލް ކޯޓުން އިއްވި 11 އަހަރު ދުވަހުގެ ޖަލު ހުކުމާއެކު، ނާޒިމްގެ މަންމައަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފި އެވެ.

'ސަން'އަށް މައުލޫމާތު ދެމުން ނާޒިމްގެ އާއިލާ މެމްބަރަކު ބުނީ، ނާޒިމްގެ މަންމައަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އެކަން އެގޮތަށް ދިމާވީ ނާޒިމްގެ މަންމަަގެ އުމުރުން ދުވަސް ވެފައިވާތީ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ނާޒިމްގެ މަންމަގެ ހާލު ރަނގަޅު ނޫން ކަމަށްވެސްް އާއިލާއިން މައުލޫމާތުދެއެވެ.

ކްރިމިނަލް ކޯޓުން މިރޭ އިއްވި ހުކުމްގައި ވަނީ ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުން ފެނުނު ފިސްތޯލައަކީ އޭނާގެ އެއްޗެއްކަން ހެކީންގެ ހެކިބަހުންނާއި ނާޒިމްގެ ކަބަޑުން ފިސްތޯލަ ފެނުނު ކަމަށް ބުނެ ނާޒިމް ދީފައިވާ ބަޔާނަށް ބެލުމުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އަދި ނާޒިމް ދިރިއުޅުއްވި އެޕާޓްމެންޓުން ފެނުނު ހަތިޔާރަކީ އޭނާގެ އެއްޗެއް ނޫންކަން ސާބިތުކޮށްދޭނެ އެއްވެސް ހެއްކެއް ނާޒިމުގެ ފަރާތުން ހުށަހަޅާފައި ނުވާތީ އެއީ ނާޒިމުގެ އެއްޗެއްކަމަށް ކޯޓުން ވަނީ ނިންމާފަ އެވެ.

ޝަރީއަތުގެ މަޖިލިސް ނިންމާލުމަށް ފަހު ނާޒިމް ޝަރީއަތުގެ މަޖިލީހުން ނިކުމެވަޑައިގަތުމުގެ ކުރިން ވިދާޅުވީ " ހިތްވަރު ގަދަކުރައްވާ، ހައްގަށް އިންސާފު ލިބޭނެ" ކަމަށެވެ.