20 Feb 2011, 16:09
އޮލިމްޕިކް ކޮލިފައިންގައި ހޮންކޮންގއާއި ދެކޮޅަށް ރާއްޖޭގެ 23 އަހަރުންދަށުގެ ޓީމު ކުޅޭ މެޗަށް އެންމެ ފުރިހަމައަށް ތައްޔަރުވެވިފައިނުވާ ކަމަށް ޤައުމީ ކޯޗު ބުނެފި އެވެ.
މިމަހުގެ 23 ވަނަ ދުވަހު ހޮންކޮންގގައި އޮންނަ މެޗަށް ޓީމު މިރޭ ފުރުމުގެ ކުރިން އެފް އޭ އެމް ހައުސްގައި މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި ކޯޗު އާޖެންޓީނާގެ ޑިއޭގޯ ކުރުސިއާނީ ބުނީ އޭނާއަށް ލިބުނު މުއްދަތަކީ އެކަށީގެންވާ ވަގުތެއް ނޫން ކަމަށެވެ. "ކުޑަ ދުވަސްކޮޅެއް މި ލިބުނީ. އެހެންވެ އަހަރެން ބޭނުންވާ ގޭމް ކުޅުންތެރިންނަށް ކުޅުމުގައި ދަތިތަކެއް އެބަހުރި." މިމަހުގެ 2 ވަނަ ދުވަހު މާލެ އައިސް ޓީމާ ހަވާލުވި ކޯޗު ބުންޏެވެ.
ކޯޗު ބުނީ އޭގެ އިތުރުން ހޮންކޮންގ ޓީމާ ބެހޭ މާބޮޑު މައުލޫމާތެއްވެސް ނެތް ކަމަށެވެ. "އަހަރެންނަށް އެ ޓީމުގެ ކުޅުން އެންމެ ފަހުން ފެނުނީ 2005 ވަނަ އަހަރު. އެއީވެސް ސީނިއަރ ޓީމު. އެހެންވެ އެޓީމުގެ މިހާރުގެ ހާލަތާ ގުޅޭ ގޮތުން އެއްޗެއް ބުނާކަށް ނޭނގޭ" ކޯޗު ބުންޏެވެ.
ޓީމުގެ އެސިސްޓެންޓް ކޯޗު މުހައްމަދު އާތިފް ބުނީ ކޯޗު މާލެ އަންނަންދެން އޭނާ އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދިޔައީ ކުޅުންތެރިންގެ ބޭސިކް އާއި ފިޒިކަލް ފިޓްނަސް ރަނގަޅު ކުރުން ކަމަށެވެ. "ޓެކްޓިކްސްގެ ބައި އެއްގޮތަކަށްވެސް އަހަރެން ކުރިއަކަށް ނުގެންދަން. އެ ދުވަސްތަކުގައި ފުދޭ ވަރަކަށް ރަނގަޅަށް އެކަން (ބޭސިކް އާއި ފިޓްނަސްގެ ބައި) ކުރެވުނު. އެހެން ނަމަވެސް މިހާރުވެސް 85 ޕަސެންޓްވަރު ކުޅުންތެރިންގެ ފިޓްނަސް ހުރީ." އާތިފު ބުންޏެވެ.
ޓީމުގެ މެޑިކަލް ޑޮކްޓަރ އަޙްމަދު ޝަކީބު ބުނީ ކުޅުންތެރިންގެ ފިޓްނަސް ހިތްހަމަ ޖެހޭ ވަރުވާ ކަމަށާއި އަނިޔާގެ ސަބަބުން ޓީމާ ވަކިވާން ޖެހުނީ އެންމެ ކުޅުންތެރިއެއް ކަމަށެވެ. "އެހެން ބައެއް ކުޅުންތެރިންނަށްވެސް އަނިޔާގެ އެކި މައްސަލަތައް ދިމާވެގެން 10 ވަރަކަށް ޕްރެކްޓިސްވެސް ކަޓުވާލަން ޖެހުނު. އެކަމަކު މިހާރު ތިބި ކުޅުންތެރިން އެތިބީ ކޯޗަށް ކޮންމެ ޙާލަތެއްގައި ބޭނުން ކުރެވޭ ވަރަށް ފިޓްކޮށް." ޝަކީބު ބުންޏެވެ.
ޓީމުގެ މެނޭޖަރ ހުސައިން އަލީ ބުނީ މިރޭ ފުރާނީ 20 ކުޅުންތެރިން ކަމަށާއި މި ދަތުރުން 3 ކުޅުންތެރިއަކު އުނިކޮށްފައިވާ ކަމަށެވެ. "އެކަމަކު އެ ކުޅުންތެރިންނަކީ ޓީމު އެނބުރި އައުމުން އަނެއްކާވެސް ގުޅޭނެ ކުޅުންތެރިން. އެމީހުން އޮންނާނީ ރަޖިސްޓްރީވެސްކޮށްފައި." ހުސައިން ބުންޏެވެ. ބާކީކުރި 3 ކުޅުންތެރިންނަކީ އަލީ ސިނާހު، ހަސަން ޝިފާޒު އަދި ތޮލާޅު ހަސަނެވެ. އަނިޔާގެ ސަބަބުން ޓީމުން ބާކީވީ އިބްރާހީމް ސުހައިލެވެ. ހުސައިން ބުނީ ޓީމަށް ކެޕްޓަނެއް އަދި ހަމަނުޖައްސާ ކަމަށެވެ.
އެފް އޭ އެމްގެ ޖެނެރަލް ސެކްރެޓަރީ ޝާހު އިސްމާއީލް ވިދާޅުވީ ހޮންކޮންގ އަށްދާ މަގުމަތީގައި ސިންގަޕޫރުގައި މަޑުކޮށް އެތަނުގައި މެޗެއް ކުޅެން ވިސްނި ކަމަށެވެ. "އެކަމަކު ސިންގަޕޫރުގެ ސީނިއަރ ޓީމުވެސް އަދި 23 އަހަރުންދަށުގެ ޓީމުވެސް މިދުވަސްވަރު އެވޭލަބަލް ނުވާކަމަށް ވަނީ އަންގާފައި. އެހެންވެ ސިންގަޕޫރުގައި ޓްރާންސިޓްކޮށްފައި ސީދާ ހޮންކޮންގއަށް ޓީމު ދާނީ." ޝާހު ވިދާޅުވިއެވެ.
އޮލިމްޕިކް ކޮލިފައިންގައި މިމެޗުގެ އިތުރުން މާލޭގައި ކުޅޭ މެޗު އޮންނާނީ މާޗް 9 ވަނަ ދުވަހު އެވެ. އެމެޗުގައިވެސް ކުޅޭނީ ހޮންކޮންގގެ 23 އަހަރުންދަށުގެ ޓީމާ ދެކޮޅަށެވެ.