26 Mar 2015, 23:53
ބައިނަލްއަގްވާމީ އެކުވެރިކަމުގެ ފުޓްބޯޅަ މެޗުގައި މިރޭ، ތިޖިކިސްތާނާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުން 2-0 އިން ރާއްޖެ ބަލިވެއްޖެ އެވެ.
މެޗުގެ ފުރަތަމަ ހާފް ދެ ޓީމްވެސް ފެށީ އަވަސް ސްޕީޑެއްގައެވެ. ފުރަތަމަ ވަގުތުކޮޅު ދެ ޓީމްގެ ފަރާތުންވެސް ވަރުގަދަ ކުޅުމެއް ފެނިގެން ގޮސްފައި ވާއިރު، ތަޖަކިސްތާނު ވަނީ ރާއްޖޭ ޓީމުގެ ގޯލަށް ނުރައްކާތެރި ދެ ތިން ހަމަލާއެއް އުފައްދާފައެވެ.
ރާއްޖެ ޓީމު މެޗުގައި ހަމައަކަށް އެޅި، 14 ވަނަ މިނެޓުގައި އުފެއްދި ފުރަތަމަ ހަމަލާގައި އަސަދުﷲ ނަގައިދިން ހުރަސް ބޮކުރީ ހުނަރުވެރިކަމާއެކު ބޮލުން ކުރިއަށް ފޮނުވާލިނަމަވެސް، އެ ހަމަލާ ތަޖަކިސްތާނު ކީޕަރު ވަނީ ހުޝިޔާރު ކަމާއެކު ދިފާއު ކޮށްފައެވެ.
ތަޖަކިސްތާނު މެޗުގެ ލީޑު ނެގީ 20 ވަނަ މިނެޓުގައެވެ. އަރިމަތިން ނަގައިދިން ހުރަހަކުން ރާއްޖޭގެ ޕެނަލްޓީ އޭރިއާތެރޭ ހުސްކޮށް ހުރެ އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމްގެ މިޑްފީލްޑަރު ފަތުހުﷲ އެވެ.
ލީޑު ނެގުމަށްފަހު ތަޖަކިސްތާނު ރާއްޖޭގެ ޕެނަލްޓީ އޭރިއާ ބޭރުން ބާރު ޝޮޓުތަކެއް އުފައްދާފައި ވާއިރު، އެ ހަމަލާތައް ވަނީ ގޯލަށް އަމާޒުވާގޮތް ނުވެފައެވެ. ފުރަތަމަ ކޮޅު ކައުންޓަރ އެޓޭކް ތަކުގައި ލަސް ކުޅުމެއް ފެނިގެން ދިޔަ ރާއްޖޭގެ ޓީމުން އެ ހާފް ނިމެން ދިޔައިރު، ކުރިއަށް ޖެހިލައި، ރަނގަޅު ހަމަލާތަކެއް އުފެއްދި އެވެ.
ފުރަތަމަ ހާފް ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް، ޕެނަލްޓީ އޭރިއާ ބޭރުން އަސަދުﷲ ބާރު ހަމަލާއެއް ތަޖަކިސްތާނު ގޯލަށް ފޮނުވާލިއިރު، އުމޭރަށް އެ ޕާހަށް އެރޭ ގޮތް ނުވުމުން ބޯޅަ ދިޔައީ ގޯލް އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
ދެވަނަ ހާފްވެސް ދެ ޓީމް ރަނގަޅު ހަމަލާތަކަކާއެ ފެށިއިރު، 56 ވަނަ މިނެޓުގައި ރާއްޖޭގެ ފޯވާޑް ލައިނުން އަސަދުﷲ އާއި ބޮކުރީ އަދި ނާއްޓޭ ވަނީ ތަޖަކިސްތާނު ޑިފެންސަށް ޕްރެޝަރުތަކެއް ކުރިމަތި ކުރުވާފައެވެ.
ކައުންޓަރ އެޓޭކް ތަކުގައި ރަނގަޅު ހަމަލާތަކެއް އުފައްދަމުން ދިޔަ ތަޖަކިސްތާނު ވަނީ 62 ވަނަ މިނެޓުގައި ދެ ލަނޑަށް ލީޑު ފުޅާކޮށްފައެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ރާއްޖޭގެ ދެ ޑިފެންޑަރުން ކައިރި ނައްޓާލުމަށްފަހު، ތަޖަކިސްތާނުގެ ފޯވާޑް މަނުޝޭކަރު ޒަލިލޯވް އެވެ.
ތަޖަކިސްތާނު ދެ ލަނޑުގެ ލީޑެއް ނެގުމުން ރާއްޖޭގެ ކުޅުމުގެ ފެންވަރު ވަނީ ކޮންމެވެސް ވަރަކަށް ދަށްވެފައެވެ. އެގޮތުން ޓީމްގެ މިޑްފީލްޑުންނާއި ޑިފެންސުން ވަނީ ގިނަ މިސްޓޭކުތަކެއް ފެނިފައެވެ.
މެޗުގެ ފަހު ވަގުތުކޮޅު ރާއްޖެ ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، މެޗުގައި ރާއްޖެއަށް ވަނީ ލަނޑެއް ކަމިޔާބު ކުރެވޭގޮތް ނުވެފައެވެ. އަދި އިތުރު ލަނޑެއް ނުފެނި މެޗު ނިމިގެން ދިޔައީ 2-0 އިން ރާއްޖެ ބަލިވެގެންނެވެ.