މަރުގެ އިންޒާރަކާ ގުޅިގެން އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އަށް ރިޔާސީ އިންތިހާބުގެ ކުރިން ފުލުހުން ދެމުން ގެންދިޔަ ސެކިއުރިޓީ ކަނޑާލައިފި އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އިމްރާން ސެކިއުރިޓީ ދިނުން ފުލުހުން ހުއްޓާލީ މީގެ ދެ ތިން ދުވަސް ކުރިންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ އިމްރާނަށް ދެމުން ގެންދިޔަ ސެކިއުރިޓީ ކަނޑާލާފައިވާ ކަމަށާއި ނަމަވެސް ސެކިއުރިޓީ ދިނުން ހުއްޓާލި ސަބަބެއް ވިދާޅެއް ނުވި އެވެ.

"އަނިޔާވެރިކަމާ ދެކޮޅަށް ދިވެހިން،" މި ނަމުގައި އިދިކޮޅު ޕާޓީތަކުން މިރޭ އާޓިފިޝަަލް ބީޗުގެ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ ފުލުހުންގެ އިދާރާ އިން މިއަދު އެނާ އަށް ގުޅައި، ސެކިއުރިޓީން ދިނުމަށް ހަމަޖައްސާފައިވާ މީހުންގެ ލިސްޓުގައި އިމްރާންގެ ނަން ނެތުމުން، ފުލުހުން ދެމުން ގެންދިޔަ ސެކިއުރިޓީ ކަނޑާލާފައިވާކަން ކަން އަންގާފައިވާ ކަމަށެވެ.

"ރާއްޖޭގެ މަސްރަހު ނާމާންވ،ެ ނާޒުކު ވެއްޖެ ކަމަށް ފެނުނުު ހިނދު، ނުވަތަ އަޅުގަނޑަށް ހުދު ގެއްލުމެއް، ލިބެން ނުޖެހޭ ފަރާތްތަކުން ގެއްލުމެއް ލިބިދާނެ ކަމަށް ގަބޫލުކުރެވުނު ހިނދު ގާތްގަނޑަކަށް މީގެ ތިން އަހަރު ކުރިން ފެށިގެން ފުލުހުން ވަނީ އަޅުގަނޑަށް ސެކިއުރިޓީއެއް ހަމަޖައްސައިދީފައި، އެ ސެކިއުރިޓީގެ ބޭނުން ކުރަމުން އަޅުގަނޑު މި ގެންދިޔައީ، ނަމަވެސް މިއަދު ފުލުހުންގެ ފަރާތުން ގުޅައި ސެކިއުރިޓީ ދިނުމަށް ހަމަޖެހިފައިވާ ލިސްޓުގައި ނުވަތަ އެ ފެންވަރުގެ ބޭފުޅުންގެ ލިސްޓުގައި އަޅުގަނޑުގެ ނަން ނެތީމައި އަޅުގަނޑަށްދީފައިވާ ސެކިއުރިޓީ ނަގާފައިވާ ކަން ފުލުހުން ވަނީ އަންގައިފައި،" އިމްރާން ވިދާޅުވި އެވެ.

ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މާލޭގައި ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާގައި އަދާލަތު ޕާޓީގެ ރައީސް އިމްރާން ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިފާޅުވެ ވާހަކަފުޅު ދައްކަވަމުންނެވެ.