20 Feb 2011, 16:01
ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މާލޭ މެންބަރު އަދި އެޑްވައިޒާ ޓު ދި ޕްރެޒިޑެންޓް އިބްރާހިމް އިސްމާއިލްގެ ކިބައިން މައާފަށް އެދުމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބުގެ މައްޗަށް ނޭންގޭނެ ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ ހުކުމް އިއްވަވަމުން ވިދާޅުވީ ފަނޑިޔާރުން އަމަލު ކުރަންވާނީ ގާނޫނު އަސާސީ އާއި ގާނޫނަށް ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށެވެ. އަދި ގާނޫނުގެ މާނައިގެ ތެރޭގައި ގަވާއިދު ވެސް ހިމެނޭއިރު އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދުގައި، އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެއްގެ ގޮތުގައި ނަގައިދެވޭނީ މާއްދީ ގެއްލުމަކާއި މައުނަވީ ގެއްލުމެއް ކަމަށް ބުނެފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި އެ ދެ ބަދަލަކީ ވެސް މާލީ ބަދަލެއް ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
ގާޒީ ވިދާޅުވީ ގާނޫނު އަސާސީގެ 21 ވަނަ މާއްދާއިން ކޮންމެ މީހަކަށް ވެސް އަމިއްލަ މިނިވަންކަމުގެ ހައްގު ލިބިދީފައިވާއިރު މައާފަށް އެދުމަކީ އެމީހެއްގެ ނުވަތަ އެ ފަރާތެއްގެ އިހުތިޔާރުގައި ހިފެހެއްޓިފައިވާ އަހުލާގީ މޯރަލް ކަމެއް ކަމަށެވެ. އަދި އިބްރާގެ ކިބައިން މުއްތަލިބު މައާފަށް އެދުމަށް އަމުރުކޮށްދިނުމަށް އިބްރާގެ ދައުވާގައި އެދިފައިވީ ނަމަވެސް މައާފަށް އެދުމަށް މަޖުބޫރު ކުރުވުމަކީ ކޯޓުތަކަށް ލިބިފައިވާ ބާރެއް ނޫން ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
"މައާފަށް އެދުމަކީ އެމީހެއްގެ ނުވަތަ އެ ފަރާތެއްގެ އިހުތިޔާރުގައި ހިފެހެއްޓިފައިވާ އަހުލާގީ މޯރަލް ކަމެއް ކަމުގައިވެފައި އަދި ހަމަ އެހެންމެ އެއީ އެމީހަކު ނުވަތަ އެ ފަރާތަކުން ގަބޫލުކުރާ ކަންކަމުގެ މައްޗަށް ބިނާވެފައިވާ ޝަހްސީ އަދި ޒާތީ އަމިއްލަ ކަމެއް ކަމުގައިވާއިރު އެކަން ހަނި ކުރެވިފައިވާ ގާނޫނެއް ނެތި މައާފަށް އެދުމަށް މަޖުބޫރު ކުރުވުމަކީ ކޯޓުތަކަށް ލިބިދީފައިވާ ތަގްދީރީ ބާރެއް ކަމުގައި ބެލެވެން ނެތް،" ގާޒީ ވިދާޅުވި އެވެ.
އިބްރާގެ ދައުވާގައި ހޯދުމަށް އެދިފައިވާ ބަދަލަކީ ގާނޫނީ ގޮތުން ލިބިދެވެން ނެތް ބަދަލެއް ހޯދުމަށް ކުރައްވާފައިވާ ދައުވާއެއް ކަމަށް ގާޒީ ވިދާޅުވި އެވެ. އެހެންކަމުން މުއްތަލިބު ދައްކަވާފައިވާ ވާހަކަތަކަކީ އިބްރާގެ އަބުރާ ބެހެވޭ ފަދަ ވާހަކަތަކެއްކަން ނުވަތަ ނޫންކަން ޝަރީއަތުގައި ބަލާފައިނުވާނެ ކަމަށް ވެސް ގާޒީ ޖަމީލް ވިދާޅުވި އެވެ.
މުއްތަލިބުގެ މައްޗަށް އިބްރާ ދައުވާކޮށްފައި ވަނީ ޖޫން 7، 2010 ގައި ދިޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އެމްއީއެސް އިމާރާތް މަންދު ކޮލެޖަށް ދީފައި ވަނި އިއުލާނު ކުރުމެއް ނެތި ކަމަށާއި ތައުލީމީ ފަންޑުން މަންދު ކޮލެޖަށް ފައިސާ ދީފައި ވަނީ އެ ފައިސާ ދިނުމަށް ބޯޑުން އިއުތިރާޒް ކުރަނިކޮށް ކަމަށް ބުނެފައިވާތީ އެވެ. އިބްރާގެ ދައުވާގައި ބުނެފައި ވަނީ މުއްތަލިބުގެ ވާހަކަތަކުން އޭނާގެ އަބުރު ގެއްލިފައިވާ ކަމަށާއި އެކަމަކު އޭނާގެ އަބުރަކީ ފައިސާއިން ގުނާ އަދަދު ކުރެވޭނެ އެއްޗެއް ބަދަލެއްގެ ގޮތުގައި ފައިސާ ބޭނުންވެވަޑައިނުގަންނަވާ ކަމަށެވެ. އެކަމަކު އޭނާގެ ކިބައިން މުއްތަލިބު މައާފަށް އެދުމަށް އަމުރުކޮށްދިނުމަށް އިބްރާގެ ދައުވާގައި އެދިވަޑައިގެންފައިވެ އެވެ.