26 Mar 2015, 18:35
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމުގެ މައްޗަށް ކުރާ، ނުރައްކާތެރި ހަތިޔާރު ރާއްޖެއަށް އެތެރެކުރުމުގެ ދައުވާގެ ހުކުމް މިރޭ އިއްވާ ގޮތަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓު ފުުލުހުން ބަލާ ފާސްކުރި އިރު ޕިސްތޯލައަކާއި މެގަޒިން އަދި ތިން ވަޒަން ފެނުމާއި ގުޅިގެން ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ ނުރައްކާތެރި ހަތިޔާރު ރާއްޖެއަށް އެތެރެކުރުމުގެ ދައުވާގެ ހުލާސާ ބަޔާން އިއްވުމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީސް ނިންމަވާ ލައްވަމުން ގާޒީ އަބްދުލް ބާރީ ޔޫސުފް ވިދާޅުވީ، ޝަރީއަތުގެ ހުރިހާ އަޑުއެހުމެއް ނިމުނީ ކަމަށާއި، މިރޭ 11:15 ނުވަތަ 11:30 ގައި މައްސަލައިގެ ހުކުމް އިއްވުމަށް އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.
މިއަދު ހަތަރެއް ޖެހި އިރު ފެށިގެން ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހުގައި ހުލާސާ ބަޔާން އިއްވަމުން ދައުލަތުގެ ވަކީލު އާދަމް އާރިފް ވިދާޅުވެފައި ވަނީ ނާޒިމް ދިރިއުޅުއްވި އެޕާޓްމެންޓުން ފެނުނު ހަތިޔާރު ލިބުނު ގޮތް ސާބިތުކޮށްދީފައި ނުވާތީ އެއީ ނާޒިމް އެތެރެކުރި ހަތިޔާރެއް ކަމަށް ދައުލަތުން ދެކޭ ކަމަށެވެ.
އާރިފް ވިދާޅުވީ، ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަހުން އެއީ މުހައްމަދު ނާޒިމް އެތެރެކުރި ހަތިޔާރެއްކަން ސާބިތުވާ ކަމަށެވެ.
ދިފާއީ ވަކީލުންގެ ހުލާސާ ބަޔާން އިއްވަވަމުން ވަކީލުން ވިދާޅުވެފައި ވަނީ ނާޒިމްގެ މައްޗަށް އެ ދައުވާ އުފުލާފައިވާއިރު ނާޒިމް އެތަކެތި ހޯދީ ކޮންތަނަކުން ކަން ދައުލަތުން ސާބިތު ކޮށްދެން ޖެހޭ ކަމަށެވެ. އަދި ނާޒިމާ ދެކޮޅަށް ހެކިބަސް ދެއްވި ފަރާތްތަކުގެ ހެކިބަސް ދިމާ ނުވުމާއި ބައެއް ފަރާތްތަކުން ދޮގު ހެކިބަސް ދީފައި ވާ ކަން ފާހަގަކުރައްވައި ނާޒިމްގެ ވަކީލުން ވިދާޅުވީ، ޝަރީއަތުން އިތުބާރު ކުރަން ފުދޭ ވަރުގެ ހެއްކެއް ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށެވެ.
ނާޒިމްގެ އެޕާޓްމެންޓް ބަލައި ފާސްކުރުމުގެ ކުރިން ކޯޓު އަމުރު ހޯދުމުގައިވެސް ފުލުހުން އަމަލުކޮށްފައިވަނީ ގަވައިދާ ހިލާފަށް ކަން ފާހަގަކުރައްވައި ނާޒިމްގެ ވަކީލުން ވިދާޅުވީ، ނާޒިމް ދިރުއުޅުއްވި ގެ، ގ. އެނިފް ބަލައި ފާސްކުރުމަށް އަމުރު ހޯދަން ބުނެފައި ވަނީ ފަނޑިޔާރުންނަށް އޮޅުވާލަން ކަމަށާއި އެހެންނޫންނަމަ އެދެން ޖެހޭނީ އެ ގޭގެ ވަކި އެޕާޓްމަންޓެއް ބަލަން ކަމަށެވެ. އޭގެ އިތުރުން ނާޒިމްގެ އެޕާޓްމެންޓުން ފުލުހުން، ފެނުނު ކަމަށް ބުނާ ޕެންޑްރައިވް ހެއްކެއްގެ ގޮތުގައި ބަލައި ނުގަނެވޭނެ ކަމަށާއި، އެއީ ޕެން ޑްރައިވް ޝަރީއަތަށް ހުށަހަޅާފައި ނުވާތީ ކަމަށްވެސް ދިފާއި ވަކީލުން ވަނީ ވިދާޅުވެފަ އެވެ.
ނާޒިމްގެ ވަކީލުން ވިދާޅުވީ، ދިފާއީ ހެކިން ހުށަހެޅުމާއި، ދިފާއީ މައުލޫމާތު ހޯދުމަށް އެކަށީގެންވާ ފުރުސަތާއި ވަގުތު ޝަރީއަތުން ދީފައި ނުވާ ކަމަށެވެ. އަދި ނާޒިމްގެ ފަރާތުން ހުށަހަޅާފައިވާ ވަރަށް މުހިންމު ހެކިންގެ ހެކިބަސް ނެގުމަށްވެސް ޝަރީއަތުން ފުރުސަތު ދީފައިނުވާކަމަށް ދިފާއީ ވަކީލުން ވަނީ ވިދާޅުވެފަ އެވެ.
ނާޒިމްގެ މައްޗަށް އުފުލާފައިވާ ނުރައްކާތެރި ހަތިޔާރު ރާއްޖެއަށް އެތެރެކުރުމުގެ ދައުވާ ސާބިތު ވެއްޖެ ނަމަ 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތެއްގެ ޖަލު ހުކުމެއް އައްނާނެވެ.