26 Mar 2015, 18:02
އިކޮނޮމިކް މިނިސްޓްރީން ވަކިގޮތަކަށް އަންގަންދެން ފިހާރަތަށް 10 ޖަހާއިރު، ސައި ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓް ފަދަ ތަންތަން 12 ޖަހާއިރު ބަންދުކުރަން ނިންމައިފި އެވެ.
މިކަމާގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ސަންއަށް ވިދާޅުވީ، އެއީ "މިވަގުތުގެ ހާލަތަށް ބަލާފައި ނިންމި ނިންމުމެއް" ކަމަށާއި އެ މިނިސްޓްރީން ވަކިގޮތަކަށް އަންގަންދެން ހުރިހާ ފަރާތްތަކަކުން ވެސް އެކަމަށް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގަންނަވާ ކަަމަށެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕަމަންޓުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، އެ މިނިސްޓްރީން ތަންފީޒުކުރަމުންދާ އިމްޕޯޓު މުދަލުގެ ވިޔަފާރިކުރުމުގެ ގަވާއިދުގެ (1 ޖޫން 1995)ގެ 22 ވަނަ މާއްދާގެ (ހ)އާއި ސައި ހޮޓަލާއި ރެސްޓޯރެންޓް ހިންގުމުގެ ގަވާއިދުގެ (1 ޖޫން 1995)ގެ 14 ވަނަ މާއްދާ އަދި ކެންޓީނު ހިންގުމުގެ ގަވާއިދު (1 ޖޫން 1995)ގެ 13 ވަނަ މާއްދާގެ (ހ)އަށް 26 މާޗް 2015 ވަނަ ދުވަހު ގެނެވުނު އިސްލާހާ ގުޅިގެން، އެ މިނިސްޓްރީން އެހެން ގޮތަކަށް އަންގަންދެން، މިއަދުން ފެށިގެން ފިހާރަތައް ހުޅުވާފައި ހުންނަންވާނީ އެންމެ ލަސްވެގެން ރޭގަނޑު 10:00ގެ ނިޔަލަށް ކަމަށެވެ. އަދި ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓް އަދި ކެންޓީނު ފަދަ ތަންތަން ހުޅުވާފައި ހުންނަންވާނީ ރޭގަނޑު 12:00ގެ ނިޔަލަށް ކަމަށެވެ.
"އަދި ދަންނަވަމެވެ. މަތީގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް އަމަލުކުރާ ވިޔަފާރިތަކާ މެދު މި މިނިސްޓްރީން ފިޔަވަޅު އަޅާނެ ވާހަކަ އާންމުކޮށް އަންގައި އިއުލާނު ކުރީމެވެ." އިކޮނޮމިކް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.
ފިހާރަތަކާއި ސައިހޮޓާ، ކެފޭ އަދި ރެސްޓޯރެންޓް ފަދަ ތަންތަން އަވަހަށް ބަންދުކުރަން ސަރުކާން މިއަދު ނިންމާފައިވާ އިރު، މީގެ ހަތަރު ދުވަސް ކުރިން މާލޭ ހާބަރު ސަރަހައްދުގައި ހުންނަ "ޅިޔަނު ކެފޭ"ގެ ތެރޭގައި ބިދޭސީއަކު މާރާލުމުގެ ހާދިސާއާއި އަދި ރާއްޖޭގައި އިތުރު ވަމުން އަންނަ މާރާމާރީ ތަކާ ގުޅިގެން ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައި ވަނީ، އެފަދަ ކުށްތައް ހުއްޓުވައި އަމާން ވެއްޓެއް ގާއިމު ކުރުމަށް ވިޔަފާރި ކުރާ ތަންތަނާއި، ސައިހޮޓާފަދަ ތަންތަން ބަންދުކުރާ ގަޑި އަވަސް ކުރުން މުހިއްމު ކަމަށެވެ.