މިދިޔަ އަންގާރަ ދުވަހު އަލްޕްސް ފަރުބަދަ ޗޭނަށް ވެއްޓުނު ޖަރުމަނުގެ މަތިންދާބޯޓް ވައްޓާލާފައި ވަނީ ގަސްދުގައި ކަމަށް އެ ހާދިސާ ތަހުގީގު ކުރާ ފަރަންސޭސި އިދާރާއިން ބުނެފި އެވެ.

މާސޭގެ ޕްރޮސެކިއުޓަރު ބްރައިސް ރޮބިން މިއަދު ވިދާޅުވީ، މަތިންދާބޯޓް ވައްޓައިލީ ކޯ ޕައިލެޓް އެންޑްރިއާސް ލޫބިސް ގަސްދުގައި ކަން ކަޅުފޮށީގައިވާ ރެކޯޑިންތަކުން އިނގޭ ކަމަށެވެ.

".. ކޯޕައިލެޓް ގަސްދުކޮށްފައި ވަނީ މި މަތިންދާބޯޓް ހަލާކުކޮށްލަން،" ރޮބިން ވިދާޅުވި އެވެ.

ކޮމާންޑިން ޕައިލޮޓް ކޮކްޕިޓް ދޫކޮށްފައި ދިއުމުން ކޯޕައިލެޓް އެއްވެސް އެއްޗެއް ނުބުނާ ކަމަށް ވެސް ރޮބިން ވިދާޅުވެފައި ވެއެވެ.

އުމުރުން 20ގެ އަހަރުތައް ގުނަމުން ދިޔަ ލޫބިޒް އަކީ އެއްވެސް ކަހަލަ މައްސަލައެއް ކުރިމަތިވެފައިވާ މީހެއް ކަން ނޭނގޭ ކަމަށް ޖަރުމަނުގައި އޭނާ ދިރިއުޅުނު މޮންޓަބޯރްގައި ދިރިއުޅޭ އޭނާ ދަންނަ މީހުން ވަނީ ބުނެފައެވެ. އެގޮތުން އޭނާ މަތިންދާބޯޓް ދުއްވަން ދަސްކުރި އިރު ކައިރިން އެކަން ދުށް މީހެއް ކަމަށްވާ ޕީޓާ ރިއުކާ ބުނެފައި ވަނީ ލޫބިޒް ގްލައިޑާ ޕައިލޮޓްސް ލައިސަން އާ ކުރީ މިދިޔަ ޑިސެމްބަރު މަހު ކަމަށެވެ.

ޖާރމަންވިގްސްގެ 4U-9525 މަތިންދާބޯޓްް އަންގާރަ ދުވަހު ވެއްޓުނީ ސްޕެއިންގެ ބާސެލޯނާ އިން ޑުސެލްޑޯފަށް ދަތުކުރަނިކޮށެވެ. އެއީ އެއާބަސް އޭ 320 މަރުކާގެ ބޯޓެކެވެ. އެބޯޓުން ދަތުރުކުރި 150 މީހުންް ވަނީ އެހާދިސާގައި މަރުވެފައެވެ.