20 Feb 2011, 15:26
ޓްރައިބިއުނަލުގެ ނިންމުންތައް ވަޒީފާދޭ ފަރާތްތަކުން ތަންފީޒު ކުރަމުން ނުދާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބުނެފި އެވެ.
ސަންއެމްވީއަށް މައުލޫމާތު ދެއްވަމުން ޓްރައިބިއުނަލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ހުސްވި 2010ވަނަ އަހަރު 97 މައްސަލަ، އެ ޓްރައިބިއުނަލުން ނިންމައި ތަންފީޒު ކުރަން އަންގާފައިވާއިރު، އެ ނިންމުންތަކާ އެއް ގޮތަށް ތަންފީޒުކުރިކަމަށް އަންގާފައި ވަނީ އެންމެ 21 ފަރާތަކުން ކަމަށެވެ. އަދި ވިދާޅުވީ 2009ވަނަ އަހަރު 88 މައްސަލަ ތަންފީޒު ކުރަން އަންގާފައިވާއިރު ތަންފީޒު ކޮށްފައި ވަނީ އެންމެ 17 ފަރާތުން ކަމަށެވެ.
"ތަންފީޒުކުރަން އަންގާފައިވާ މައްސަލަތަކުގެ ތެރޭގައި، ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކުރި މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، މަގާމުގެ ކުރިއެރުން ދޭންޖެހޭ ފަރާތްތަކަށް މަގާމުގެ ކުރިއެރުން ދިނުމުގެ އިތުރުން ވަޒީފާ އަދާކުރި ފަރާތްތަކަށް ދޭންޖެހޭ ބަދަލު ދިނުމުގެ މައްސަލަތައް ހިމެނޭ،" އެ އޮފިޝަލު ވިދާޅުވި އެވެ. "އެ ނިންމުންތައް ތަންފީޒުކޮށްފައި ވަނީ ވަރަށްމަދު ފަރާތަކުން. ގިނަ ފަރާތްތަކަކުން އެ ނިންމުންތައް ތަންފީޒު ނުކުރުމަކީ އެތައް ބައެއްގެ ހައްގުތައް ގެއްލިގެންދާ ކަމަކަށް ވާނީ. އެއީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާކަމެއް"
އޮފިޝަލު ދި ވިދާޅުވީ، ޓްރައިބިއުނަލްގެ ނިންމުންތައް ތަންފީޒު ނުކުރުމުގެ ސަބަބުން، ގެއްލޭ ހައްގު ހޯދުމަށް ދާންޖެހޭތަނެއް ވަޒީފާއާބެހޭ ގާނޫނުގައި ކަނޑައަޅާފައި ނުވާކަމަށެވެ. އޭގެ ސަބަބުން އެފަދަ މީހުންގެ ހައްގު ހޯދައިދިނުމަށް ޓްރައިބިއުނަލަށް ކޮށްދެވޭނެކަމެއް ވެސް ނޯންނަ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް އެފަދަ ފަރާތްތަކުގެ ގައްހު ހޯދަން ދާންޖެހޭނެ ތަނެއް ވަޒީފާއާބެހޭ ގާނޫނުގައި ކަނޑައަޅަން ގާނޫނަށް އިސްލާހު ގެނައުމަށް ހިއުމަން ރިސޯސް މިނިސްޓްރީ އާއި އެޓާނީޖެނެރަލްގެ އޮފީހުގައި އެދިފައިވާނެ ކަމަށް ވެސް ޓްރައިބިއުނަލް އިން މިއަދު ބުންޏެވެ.
"އަޅުގަނޑުމެން ނިންމާ ނިންމުންތައް ތަންފީޒު ނުކުރުމުން ދެން ކޮށްދެވޭނެކަމެއް އަޅުގަނޑުމެންނަކަށް ވެސް ނޯވޭ. އަދި އެފަދަމީހުން ދާންޖެހޭތަނެއް ގާނޫނުގައި ވެސް ކަނޑައަޅާފައެއް ނުވޭ. ނަމަވެސް އެފަދަ ބައެއް މައްސަލަތައް މަދަނީކޯޓުން ނިންމާކަމުގެ މައުލޫމާތު ލިބޭ. އެހެންކަމުން އަޅުގަނޑުމެން ނިންމާ މައްސަލަތައް ތަންފީޒު ނުކޮށްފިނަމަ ހައްގު ހޯދަން ދާންޖެހޭ ފަރާތަކީ މަދަނީ ކޯޓުކަމަށް ގާނޫނުގައި ހިމެނުމަށް ވަޒީފާއާބެހޭ ގާނޫނަށް އިސްލާހް ގެނައުމަށް އަޅުގަނޑުމެން ވާނީ ހުށަހަޅައިފައި" އޮފިޝަލް ވިދާޅުވި އެވެ.