12 Apr 2010, 10:31
ސިނަމާލޭ ފްލްޓް ސަރަހައްދުގައި ހިނގި ގުރޫޕް މާރާމާރީއެއްގައި މީހެއްގެ ބޮލަށް ވަޅި ހަރައި ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލް އަދި ސަބް އިންސްޕެކްޓަރ އޮފް ޕޮލީސް އަހުމަދު ޝިޔާމް ވިދާޅުވީ ސިނަމާލެ ފްލެޓް ތިނެއް ހުންނަ ސަރަހައްދުގައި ރޭ އިރާކޮޅު ހިންގި އެ މާރާމާރީގައި ޒަހަމްވި މީހާގެ ހާލު ވަރަށް ސީރިއަސް ކަމަށާއި އޭނާއަށް އައިޖީއެމްއެޗްގެ އިމެޖެންސީ ރޫމްގައި ފަރުވާދެމުން އަންނަ ކަމަށެވެ. އަދި އެ ދެ ގްރޫޕް ދެމެދުގައި އެ މާރާމާރީ ހިނގަން މެދުވެރިވި ސަބަބު އެނގިފައިނުވާ ކަމަށާއި އެހެން ނަމަވެސް އެ މާރާމާރީއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
މަންޒަރު ދުށް މީހަކު ކިޔައިދިން ގޮތުގައި އެ މާރާމާރީ ހިނގަން މެދުވެރިވީ އެ ދެ ގްރޫޕްގެ ދެމެދުގައި ހިނގި ބަހުގެ ހޫނުހަމަލާތަކަށް ފަހުގަ އެވެ. އަދި މާރާމާރީގައި އެ މީހާގެ ބޮލަށް ވަޅި ހަރައިފައި ވަނީ ކަންފަތާ ދިމާލުން ކަމަށްވެސް މަންޒަރު ދުށް މީހާ ކިޔައިދިނެވެ.