އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން މިހާތަނަށް 95 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އިސްކަންދަރު ބިލްޑިންގައި މިއަދު ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސްގައިވާހަކަފުޅު ދައްކަވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ ޕީޖީއަށް ފޮނުވާފައިވާ 95 މީހުންގެ ތެރޭގައި 26 އަންހެނަކު ވެސް ހިމެނޭ ކަމަށެވެ.

ދައުވާ ކުރަން ފޮނުވި މީހުންގެ ތެރޭގައި މަޖިލީހުގެ ދެ މެމްބަރަކު ހިމެނޭ ކަމަށް ނަވާޒު ވިދާޅުވި އެވެ.

ފެބްރުއަރީ 16، 2015، އިން ފެށިގެން މާލޭގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން މިހާތަނަށް ޖުމްލަ 162 މީހަކު ހައްޔަރު ކުރި ކަމަށާއި އޭގެ ތެރެއިން 64 މީހަކު ވަކި މުއްދަތަކަށް މުޒާހަރާއަށް ނުދިއުމަށް ޝަރުތުކޮށް ކޯޓުން ދޫކޮށްލާފައިވާ ކަަމަށް ނަވާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މުޒާހަރާއަށް ނުދިއުމަށް ޝަރުތުކުރި މީހުންގެ ތެރެއިން ދެ މީހަކު މުޒާހަރާއަށް ދިއުމުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެ މީހުންގެ ތެރޭގައި އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވެސް ހިމެނެ އެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީއާއެކު އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީން މާލޭގައި ކުރަމުންދާ މުޒާހަރާތަކަކީ ސުލްހަވެރިކަމާއެކު ކުރަމުންދާ މުޒާހަރާތަކެއް ކަމަށް ބެލެވެން ނެތް ކަމަށް އިޝާރާތް ކުރައްވައި ނަވާޒު ވިދާޅުވީ މުޒާހަރާއިން މީހުން ހައްޔަރު ކުރަނީ ޖިނާއީ ކުށަށް އަރައިގަތުމުންނާއި އެފަދަ ކުށް ކުރަން އުޅުމުން ކަމަށެވެ.