"ސުޕަ" ބްރޭންޑްގެ ކަޕް ނޫޑްލްސް އަށް ހާއްސަކޮށްގެން "ސުޕަ ހަންޓް"ގެ ނަމުގައި އަންނަ ހޮނިހިރު ދުވަހު ޕްރޮމޯޝަނެއް ފެށުމަށް އެސްޓީއޯއިން ނިންމައިފި އެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު 6:00 އިން ފެށިގެން އިރު އޮއްސި 6:00 އަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ އިވެންޓުގައި، ސުޕަ ކަޕް ނޫޑްލްސް ތައްޓެއް ގަނެގެން ބައިވެރި ވެވޭނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.

މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ އިވެންޓުގައި ސުޕަ ކަޕް ނޫޑްލްސް އެ ތިން އަވަށުގެ 2،500 ފިހާރަތައަކުން ލިބޭނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.

ކަޕް ނޫޑްލްސް ގަތުމަށްފަހު އެ އަވަށެއްގައި ހުރި އެސްޓީއޯގެ ފިހާރައަށް ގޮސް ނޫޑްލްސްގައި ހިމެނޭ ޓޯކެން ފުރާލުމަށްފަހު އެ ހަވާލު ކުރުމުން އެ އިވެންޓުގައި ބައިވެރި ވެވޭނެ އެވެ.

މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ބާއްވާ ހާއްސަ ލަކީ ޑްރޯއިން ހޮވޭ ނަސީބުވެރި ތިން ފަރާތަކަށް ހާއްސަ އިނާމްތަކެއް ލިބޭނެ ކަމަށް އެ އޯގަނައިޒޭޝަނުން ބުނެއެވެ.

ޒުވާނުންނަށް ހާއްސަކޮށްގެން ބޭއްވޭ އެ އިވެންޓް މާލޭގައި އެކަނި ބޭއްވި ނަމަވެސް އަންނަ އަހަރު ރާއްޖޭގެ އެހެން ހިސާބުތަކުގައިވެސް ބޭއްވުމަށް ނިންމާފައިވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެ އިވެންޓުގައި ހުރިހާ އުމުރެއްގެ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ ކަމަށް އެސްޓީއޯ އިން ބުނެފައިވެ އެވެ.