މިނިވަން 50 ފާހަގަ ކުރުމަށް މާދަމާ ބާއްވާ "ރައިވެރިބޭގެ ޖިހާދުގެ ފެތުމުގައި"ގައި ބައިވެރިވާ ފަރާތްތަކަށް އެމްއެންޑީއެފުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ބާއްވައިފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު މިއަދު ސަން އަށް ވިދާޅުވީ ހިރިޔާ ސްކޫލްގައި މިއަދު ބޭއްވި އެ ޕްރޮގްތާމްގައި "ރައިވެރިބޭގެ ޖިހާދުގެ ފެތުމުގައި" ބައިވެރިންގެ ތެރެއިން ގާތްގަނޑަކަށް 600 ވަރަކަށް ބައިވެރިން ބައިވެރިވެފައިވާ ކަމަށެވެ.

މާދަމާ ކުރިއަށްދާ މޫދު ހަރަކާތުގައި ބައިވެރިވާ ފަރާތްތަކަށް ރައްކާތެރިކަމާއި ސަލާމަތީ ގޮތުން ވާން ޖެހޭ ތައްޔާރީތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދީފައި ވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އިސްބޭފުޅުންނެވެ.

ވިލިމާލެ އާއި މާލޭގައި ކުރިއަށްދާ މި ފެތުމުގެ ހަރަކާތުގައި މިހާތަނަށް 1500 މީހުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

މާދަމާގެ ފެތުމުގެ ހަރަކާތުގައި ހޯމް މިނިސްޓަރު އުމަރު ނަސީރާއި ނައިބު ރައީސް މުހައްމަދު ޖަމީލު އަހުމަދު އަމަލީ ގޮތުން ބައިވެރިވަޑައިގަންނަވަ އެވެ.

މިނިވަން 50 ފާހަގަ ކުރުމަށް މިހާތަނަށް ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން އެންމެ ފުރަތަމަ ބޭއްވީ ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުން ބައިވެރިވެގެން ކުރިއަށްގެން ދިޔަ ފަތިސް ނަމާދަށް ފަހު ދުއާ ކުރުމާއި ސަރިންދާ މިއުޒިކު ޝޯ އާއި އާޓު އެގްޒެބިޝަން އެކެވެ.