26 Mar 2015, 15:40
ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި މަސްތުވާތަކެއްޗާ އެކު ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
ސްރީލަންކާގެ މިރާ ނޫހުން މިއަދު ބުނީ ކޮލަމްބޯގެ ދެހިވަލާ އަވަށުން ފުލުހުން ހައްޔަރު ކުރި އެމީހާ އަތުގައި 169 ގްރާމްގެ ހެރޮއިން ހުރި ކަމަށެވެ. އޭނާ ހައްޔަރުކުރީ ހޮޓަލެއްގައި ހުއްޓައި ކަމަށް ވެސް އެނޫހުން ބުންޏެވެ. ސްރީލަންކާގެ ޕޮލިސް ނާކޮޓިކްސް ބިއުރޯ (ޕީއެންބީ) އިން އޭނާގެ ތަހުގީގު މިހާރު އަންނަނީ ކުރަމުންނެވެ.
މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި މީހާ ލަންކާއަށް ގޮސްފައި ވަނީ ޓޫރިސްޓް ވިސާގަ އެވެ.
އޭނާގެ ނަމެއް އަދި އޭނާއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އަދި ނުލިބެ އެވެ.
މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމަތަށް އެގައުމުގައި ހައްޔަރުވާ ދިވެހިންގެ އަދަދު ފަހަކަށް އައިސް އަންނަނީ އިތުރުވަމުންނެވެ.